ސައްޙަ ނޫން ވަގު ނޫޓުތަކެއް ޕްރިންޓްކޮށްގެން ވިޔަފާރީގެ މުޢާމަލާތްތަކެއް ކުރި މައްސަލައެއްގައި މާލެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ، ތިމަރަފުށި / ސަލްވާ، އުމުރުން 25 އަހަރުގެ އާއިޝަތު ޝިޒުނީ އާއި ސ. ހިތަދޫ / އަތަމާވިލާ، އުމުރުން 29 އަހަރުގެ މައުޒޫ މުހައްމަދެވެ.
ފުލުހުން ބުނެފައިވަނީ، މި ދެމީހުން ހައްޔަރުކޮށްފައި ވަނީ، ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މި މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 500 ރުފިޔާގެ ސައްހަ ނޫން 24 ނޫޓު ފެނިގެން ކަމަށެވެ.
އެގޮތުން މި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެމީހުންވެސް 30 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.
ފަހަކަށް އައިސް ސްކޭމްތަކާއި ސައްހަ ނޫން ޓްރާންސްފަރ ސްލިޕްތައް ބޭނުންކޮށްގެންނާއި އަދި މީގެ އިތުރުން ވަގު ނޫޓު ބޭއްނުންކޮށްގެން ކުރާ މުޢާމަލާތްތައް އިތުރުވެފައި ވާއިރު، އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500 ރުފިޔާގެ ސައްހަ ނޫން ނޫޓު ދައުރުވަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.