އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 56.6 ބިލިޔަން ރުފޮޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
މި ބަޖެޓް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދަޅުވީ، މި ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުށަހެޅިފައިވާ ބަޖެޓްތަކަކީ އެއްވެސް ރޭވުންތެރިކަމެއް އަދި ޒިންމާދާރުކަމެއް ނެތް ބަޖެޓްތަކަށް ވުމުން ދައުލަތުގެ މާލިއްޔާ މުޅިން ޚަރާބުވެފައިވާކަމަށެވެ.
އެގޮތުން ތަންފީޒުކުރެވިފައިވާ ފިސްކަލް ޕޮލިސީތަކަކީ ފަނާކުރަނިވި ފިސްކަލް ޕޮލިސީތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ވަޒީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ޖުމުލަ 11.5 ބިލިއަން ރުފިޔާގެ ފިސްކަލް އިސްލާހީ ފިޔަވަޅު ހިމަނާފައިވާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފައިކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިއީ، ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ. މި ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 7.9 އިންސައްތައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.
އަދި އާމްދަނީގެ ގޮތުގައި 39.7 ބިލިޔަން ރުފިޔާ ލިބޭނެކަމަށްވެސް މާލީ ވުޒާރާއިން ލަފާކުރެއެވެ.