ޓެކްސް ނަގާ އަދަދުތަކަށް ބަދަލުގެނެސް ޓެކްސް ބޮޑުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
އެގޮތުން ސަރުކާރުގެ ފަރާތުން ވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މި ބިލުގައިވާގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުން އަންނަ ޓީޖީއެސްޓީ ބޮޑުކޮށް މިހާރު ނަގަމުން އަންނަ %16 އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން %17 އަށް ބޮޑުކުރާނެއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ގްރީން ޓެކްސް ބޮޑުކުރުމަށެވެ. އެ ބިލުގައިވާގޮތުން އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި މިހާރު 6 ޑޮލަރު ދައްކަމުންދާ ތަންތަނުން ޓޫރިސްޓަކަށް ދައްކަން ޖެހޭނީ 12 ޑޮލަރެވެ. އަދި މިހާރު 3 ޑޮލަރު ދައްކަން ޖެހޭ ތަންތަނުން ދައްކަން ޖެހޭނީ 6 ޑޮލަރެވެ.
އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ޤާނޫނަށް ވަނީ، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑުކޮށް އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށާއި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު، ފަސްޓް ކްލާހުގައި ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން 480 ޑޮލަރު ނެގުމަށް ހުށަހަޅައިފައެވެ.
އެގޮތުން މި ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމެޓީން ވަނީ ބިލު ދިރާސާކުރުމަށް ފަހު މަޖިލިހުގެ ތަޅުމަށް ފޮނުވައިފައެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް ޓެކްސްތަކަށް ބަދަލު ގެންނަން މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ.
އެގޮތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙަށް އަމަލުކުރަން ފެށުމަށް ކޮމެޓީން ނިންމާފައިވަނީ އަންނަ އަހަރުގެ ޖުލައިމަހުން ފެށިގެންނެވެ. އަދި ގްރީން ޓެކްސް ބޮޑުކުރުމަށް ގެންނަ ބަދަލުވެސް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަދި އެއާޕޯޓު ފީތައް ބޮޑުކުރަން ނިންމާފައިވަނީ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ.