ސަރުކާރުން ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ދިނުމަށް ދެމުން އަންނަ އާސަންދަ ސްކީމް މުރާޖަޢާކޮށް އާސަންދައިން ވިއްކަމުން އަންނަ ބޭހުގެ އަގު ރިވިއުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ލޮލުފެ ފަރުވާއަކަށް ދެމުން އަންނަ އިންޖެކްޝަނަށް ނާޖާއިޒު މަންފާއެއް އިތުރުކޮށް ބިލުކުރަމުން އައިކަން ފަޅާ އަރައިފިއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވީ، އެގޮތުން އާސަންދައިގެ ބޭހުގެ އަގު ރިވައިޒްކުރުމުގެ ތެރެއިން، “ލުސެންޓިސް” އިންޖެކްޝަންގެ އަގު ބެލުމަށް އިންވޮއިސް ހޯދައިގެން ބެލި ބެލުމުން 500 ޑޮލަރަށް އެތެރެކޮށް މި ބޭހަށް އާސަންދައަށް ބިލް ކުރަމުން އައީ 23،000 ރުފިޔާކަން ހާމަވެފައިވާކަމަށެވެ.
އެގޮތުން ހީނާ ވިދާޅުވީ، މިއީ 18 ރުފިޔާގެ ރޭޓުން ޑޮލަރު ބެލިކަމުގައިވިޔަސް، އެންމެ އިންޖިކްޝަނަކުން 14،000 (ސާދަހާސް) ރުފިޔާގެ ފައިދާއެއް ކަމުގައެވެ.
އެގޮތުން ސީދާ ވަކި ފަރާތެއްގެ ނަން ހާމަނުކުރައްވައި ހީނާ ވިދާޅުވީ، މިކަން ކުރަމުން އައީ ލޮލުގެ ފަރުވާގެ ޚިދުމަތްދޭ ތަނަކުން ކަމަށާއި އެކަން ކުރަމުން އައީ، ބޭސް އެތެރެކުރުމަށް ރަޖިސްޓަރީނުކޮށް، ހަމައެކަނި ޕްރިސްކްރިޕްޝަނަށް ކަމަށެވެ.
އަދި އެބޭސް އެތެރެކުރުމަށް ރަޖިސްޓަރކޮށްފައިވަނީ މުޅިން އެހެން ކުންފުންޏަކުންކަން ހާމަވެފައިވާކަމަށާއި އެހެން ނަމަވެސް އެ ފަރާތުން އެއްވެސް ވަރަކަށް އެ ބޭސް އެތެރެކޮށްފައިނުވާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ ދެތިން ދުވަސްކުރިން މީސް މީޑިޔާގައި އާންމުވި ޕޯސްޓެއްގައި ބުނެފައިވަނީ، ލޮލުގެ ބައްޔެއް ހުންނަ މީހަކު ޖަހަންޖެހޭ އިންޖެކްޝަނެއް އައިކެއާ މެދުވެރިކޮށް ގެނެސްގެން، އެ ބޭނުން ކުރަމުން އައި އެ ބޭސް އާސަންދަ އުސޫލަސް ގެނެވުނު އިސްލާހާއެކު އިތުރަށް އާސަންދައިގެ ދަށުން ދޫނުކުރެވޭނެ ކަމަށް އަންގައިފައިވާކަމަށް ބުނެ މީހަކު ކުރި ޕޯސްޓެއް ވަނީ ވައިގައި ހިފައިފައެވެ. އެ ޕޯސްޓްގައި އޭނާ ބުނެފައިވަނީ މިހާރު އެ އިންޖެކްޝަން ގަންނަން ޖެހެނީ، 24،000 ރުފިޔާ ދައްކައިގެންނެވެ.
ހީނާ އިތުރަށް ވިދާޅުވީ، އެކި އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ ފައިދާގެ ބޭނުމަށް އާސަންދަ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބޭކަމީ ހަގީގަތެއް ކަމަށެވެ.
އަދި މިއީ އާސަންދަ ނިޒާމް އެކުލަވައިލުމުގައި އެފަދަ މައްސަލަތަކަށް ރިޢާޔަތްނުކޮށް އުސޫލުތައް ކަނޑާއެޅުމުގެ ނަތީޖާކަމުގައި ފާހަގަކުރައްވައި ހީނާ ވިދާޅުވީ، ރައީސްގެ ލަފާފުޅުގެ ދަށުން އެކަންކަން އިސްލާހުކުރުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.