-Advertisement-

-Advertisement-

ބޯހިޔާވަހިކަމަށް ދޫކުރާ އިންޓްރެސްޓް ރޭޓް ކުޑަ ލޯނު ސްކީމް ތަޢާރަފްކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިޔާވަހި ސްކީމް އިފްތިތާހުކޮށްދެއްވަނީ - ފޮޓޯ/ ރައީސް އޮފީސް

ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސެންޓުގެ އިންޓަރެސްޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓު ރޭޓުގައި ދިނުމަށް ނިންމާފައިވާ ލޯނު ސްކީމު ތަޢާރަފްކޮށްފިއެވެ.

މި ސްކީމް ތަޢަރަފްކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިޔާތެއްގައި ބޯހިޔާވަހިކަމުގެ އިންޓްރެސްޓް ރޭޓް ކުޑަ މި ލޯނު ސްކީމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ މުޙައްމަދު މުޢިއްޒެވެ.

އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބައިވެރިވުމާއެކު ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނު މައިގަނޑު 3 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ:

  1. އަތޮޅު ތެރެއަށް: އެގޮތުން މި ގިންތީގެ ރަށްރަށުގައި ގެދޮރު އަޅަން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެއެވެ. އެ ލޯނު ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށެވެ.

  2. އާބަން ސެންޓަރުތަކަށް: ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ލޯނު ދޫކުރާނީ ބީއެމްއެލާއި އެމްއައިބީ މެދުވެރިކޮށެވެ.

  3. ފުރަމާލެއަށް: މާލެ ސަރަހައްދުގައި ގެއަޅަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުމެވެ.

އެގޮތުން މި ލޯނު ދޫކުރުމުގެ ޝަރުތުތަކާއި އުސޫލުތަކުގެ ތަފްސީލް މި ހަފްތާގެ ތެރޭގައި އާންމުކުރާނެ ކަމަށް ހައުސިންގް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ މި ލޯނު ދޫކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-