އިޒްރާއީލުން ފަލަސްތީނުގައި ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް ރާއްޖޭގައި ހުންނަ ބޭރު ޤައުމު ތަކުގެ ބައެއް އެމްބަސީތަކުގެ ކުރިމަތީގައި މުޒާހަރާކުރި މައްސަލައިގައި ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން، އައިޝަތު ޝާދިޔާއާއި ޑރ. ޝަޒްރާ އިބްރާހިމްގެ މައްޗަށް ދެ ދައުވާއެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކުރި ގޮތުގައި މި ދެމީހުންނަކީވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި ހުންނަ ބޭރުގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތައް ކައިރިއަށް ގޮސް އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލަވައި ހަޑިހުތުރުބަހުން މުއާމަލާތްކޮށް، ޑިޕްލޮމެޓިކް މިޝަންތަކަށް އަދި ޑިޕްލޮމޭޓުންނަށް ދަތިވާގޮތަށް އަމަލުކޮށްފައިވާމައްސަލައިގައި ދައުވާ ކުރެވޭ ދެމީހުންނެވެ.
އެމްބަސީތަކުގެ ކުރިމަތީގައި އަޑުގަދަކޮށް މުޒާހަރާ ކުރި މައްސަލައިގައި ޝާދިޔާއާއި ޑރ. ޝަޒްރާ ހައްޔަރުކޮށްފައި ވަނީ، އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ، އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އެއްވެ ތިބި ސަރަހައްދުގައި އަޑުގަދަ ކުރަމުން ދިއުމުން، އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިޖާބަނުދީ، ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅި މައްސަލައިގައި ކަމަށެވެ.
އެހެން ނަމަވެސް ހައްޔަރުކުރުމަށް ފަހު ޝަރުތުތަކަކާއެކު ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ވަނީ އެ ދެމީހުން ދޫކޮށްލައިފައެވެ.
މި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ކުރަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އަދި އާންމު ތަނެއްގައި މީހުންނަށް އުނދަގޫވާ ގޮތަށް އަދި ބިރުހީވާ ގޮތަށް އަޑުގަދަކޮށް ހެދުމުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެކެވެ.
ދައުލަތުން އެމީޙުންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވެއްޖެނަމަ، އެ ދެމީހުންގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.