ރާއްޖެގައި ބާއްވާ ރިޔާސީ އިންތިޚާބުތަކުގައި މިހާރު ވޯޓުލަމުން އަންނަ އުސޫލު ބަދަލުކޮށް އެއް ބުރުން ވެރިއަކު އައްޔަން ކުރާގޮތަށާއި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބާއްވާގޮތަށް އެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ނިންމައިފިއެވެ.
މިކަން އިއުލާނުކުރެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުއެވެ.
އެގޮތުން މއެއްބުރުން ވެރިއަކު ހޮވުމަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް މިހާރު ވެސް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަސައްކަތް ނިމޭހާ އަވަހަކަށް އެ ކަމަށް ރައްޔިތުންގެ ވޯޓަކަށް އަހާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި ގާތްގާތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުފަދަ ބޮޑު ދެ އިންތިޚާބު ބޭއްވުމަކީ އެކަމަށް ގިނަ ޚަރަދުތަކެއް ހިނގާނެކަމެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އެ ދެ އިންތިޚާބު އެއްކޮށްލެވިއްޖެ ނަމަ އެކަމަށް ބޮޑު ޚަރަދެއް ސަލާމަތް ކުރެވިގެން ދާނެ ކަމަށެވެ.
އެގޮތުން އެ ދެ އިންތިޚާބު އެއްކޮށްލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމަކީވެސް އެމަނިކުފާނަށްވެސް އަދި ރައްޔިތުންގެ މަޖިލިހަށްވެސް އެކަން އެގޮތަށް ނިންމުމުގެ އިޚްތިޔާރު އޮތް ކަމެއް ނޫން ކަމަށާއި އެކަން ކުރުމަށްވެސް ރައްޔިތުންގެ ވޯޓަކަށް އައްސަވާނެކަމަށެވެ.
ހަމައެޔާއެކު ދައުރު ނިމޭދުވަސް ނުވެމްބަރު 18 އިން 11 އަށް ބަދަލުކުރުމަށްވެސް ދައުރުގެ ފަހުކޮޅުގައި ރައްޔިތުންގެ ޚިޔާލެއް އައްސަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑު އަމިއްލަ އަށް ނިންމާލެވޭ ވަރުގެ ކަމެއް ނޫނޭ އެއީ. އެކަމަކު ޤާނޫނު އޮތް ގޮތުން، އަދި މި ތިބަ މަޖިލިސް އިއްޒަތްތެރި މެމްބަރުންނަށް ވެސް ނުނިންމެނެއޭ. ރައްޔިތުންގެ ގާތަށް ދާން މި ޖެހެނީ. – ރައީސް
ރައީސް ވިދާޅުވީ އެފަދައިން ރައްޔިތުން އެއްބަސްވެއްޖެ ނަމަ، ޤާނޫނަށް ބަދަލުތައް ގެންނަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.