ރައީސް ޑރ މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ވެރިކަން ބައްޓަން ކުރައްވާނީ އެމަނިކުފާނުގެ ބައްޕާފުޅުގެ ފޮތާއި އެއްގޮތަށް ކަމުގައި ރައީސް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ވެރިކަން ކުރުމުގައި އެމަނިކުފާނުގެ “ގައިޑް ބުކް”، ދައްކަވާލައްވައިފައެވެ. އެއީ ދައުލަތާއި ވެރިންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރައްވައި އެމަނިކުފާނުގެ ބައްޕާފުޅު، ފަޟީލަތުއްޝައިހް އަލްއުސްތާޛު އަލްމަރުހޫމު ހުސައިން އަބްދުއްރަހްމާނު ލިޔުއްވާފައިވާ ފޮތެވެ.
އެފޮތާއި ގުޅިގެން ރައީސްގެ ވާހަކަފުޅު ފަށްޓަވަމުން ވަނީ، ތުގެ 157 ވަނަ ސަފްހާގައި ބަޔާންކުރައްވާފައިވާ “ވެރިކަމަކީ މާބޮޑު މޮޅެއް ނޫނެވެ. އެއީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ވެސް ނޫނެވެ. އެއާ ހިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެކެވެ. ވަރުގަދަ މަސްއޫލިއްޔަތެކެވެ. ވަރަށް ބޮޑު އަމާނާތެކެވެ.” މި އިބާރާތް ވިދާޅުވެފައެވެ.
“ދައުލަތާ ވެރިންނާ މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް” ގެ ނަމުގައި އެމަނިކުފާނުގެ ބައްޕާފުޅު ލިޔުއްވި ފޮތް ގައިޑްބުކް އަކަށް ވަނީ އެއްވެސް ޙާލެއްގައި ބައްޕާފުޅު ލިޔުއްވި ފޮތަކަށް ވާތީ ނޫންކަމަށާއި އެއާއި ޚިލާފަށް ޢިލްމީ ނަޒަރަކުންނާއި ދީނީ ނަޒަރަކުން އަދި އިސްލާމީ ތާރީހުގެ އަލީގައާއި ރާއްޖޭގެ ޤާނޫނާއަސާސީއަށް ރިޢާޔަތްކޮށް އެފޮތުގައި ވެރިކަމާ ގުޅޭ ގޮތުންނާއި ރައްޔިތުންނާއި ވެރިންނާ އޮތް ގުޅުމާ ގުޅޭ ގޮތުން އަދި އެފަރާތްތަކުގެ މަސްޢޫލިއްޔަތުތަކުގެ މައްޗަށް އަލި އަޅުއްވާލައްވައި ލިޔެފައި ހުރި އަގުހުރި ވާހަކަތަކުގެ ސަބަބުން ކަމަށެވެ.
“އަޅުގަނޑުގެ ގައިޑް ބުކަކީ މި ފޮތް. އަޅުގަނޑު މިއަދާ ހަމައަށްވެސް ބަލަމުން އައީ މިފޮތް. އެއީ މީގަ ކީރިތި ގުރުއާނުގެ އަލީގަ، ކީރިތި ރަސޫލާގެ މާތްވެގެންވާ ސުންނަތުގެ އަލީގަ، ދެންމެ ދެންނެވި ފަދައިން އިސްލާމީ ތާރީހުގެ އަލީގަ އަދި ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޮންޓެސްޓްގަ ވަރަށް ވަށައިޖެހޭ ގޮތެއްގައި ބައްލަވާލައްވާފައި ވާތީ އަޅުގަނޑަށް މި ފޮތުން ވަރަށް ގިނަ ކަންތައްތައް އެނގި ހާމަވެގެންދޭ” – ރައީސް
ރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅު ބޮޑަށް އަމާޒުކުރެއްވީވެސް އެ ފޮތުގައިވާ ވާހަކަތަކުގެ މައްޗަށެވެ. އެގޮތުން އެ ފޮތުގެ ޚުލާސާއަކަށް އަލި އަޅުއްވާލައްވައި އެމަނިކުފާނު ވަނީ ޖަލްސާގެ ބައިވެރިންނަށް ފެންނާނެހެން ސްޓޭޖްގައި ހުރި ސްކްރީނުން ދައްކައިލާފައެވެ.