ތިން ކޮމިޝަނެއްގެ މެމްބަރުކަން ކުރައްވާ ބައެއް ބޭފުޅުން މަޤާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ދާއިމީ ކޮމެޓީއަށް ފޮނުވައިފިއެވެ.
މަޤާމުން ވަކިކުރުމަށް ހުށަހަޅައިފައިވަނީ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހުގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަން މެންބަރު ތޯހާ މުހައްމަދު، އަދި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރެވެ.
އެގޮތުން މި ހަ ބޭފުޅުން މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ކޮމެޓީން މި މަހުގެ 6 ވަނަ ދުވަހު ނިންމައި ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ފޮނުވި ސިޓީވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލިހުގެ ތަޅުމަށް އިއްވައިފައެވެ.
ސީއެސްސީގެ ރައީސްގެ މައްޗަށް ކުރަނީ އެ ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކާއި ޚިލާފުވުމުގެ އިތުރުން މަޤާމަށް އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތެވެ.
އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަން މެންބަރު ތޯހާ މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެ ކޮމިޝަން ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހ، ށ އާއި ޚިލާފަށް އެތައް ކަމެއް ކޮށްފައި ވުމެވެ.
އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރު މަޤާމުން ވަކި ކުރަން ފޮނުވީ ސުލޫކީ މާއްދާތަކާއި ޚިލާފުވުމުގެ ސަބަބުންނެވެ
ތިން ކޮމިޝަނަކުން މެމްބަރުން ވަކުކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅިއިރު، މިނިވަން މުއައްސަސާތަކުގެ ތެރެއިން އޭސީސީއާއި އީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް ޤާނޫނަށް ބަދަލުގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލިހަށް ބަލައިގަނެ ބިލު ދިރާސާކުރުމަށް އޮތީ ކޮމެޓީއަށް ފޮނުވައިފައެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ އޭސީސީ އަދި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރަނީ އެ ދެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގެ ނަތީޖާ 28 ގަޑިއިރުތެރޭ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.