ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ލޯނު ސްކީމުތަަކަށް މަސްވެރިންނަށްވެސް ކުރިމަތިލެވޭނެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފިއެވެ.
މަސްވެރިންގެ ވުޒާރާއާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއި ދެ ވުޒާރާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ގެދޮރުވެރިކަމާއި ބެހޭ ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވީ، ސަރުކާރުގެ ހައުސިން ލޯން ސްކީމްގެ ހުރިހާ ދާއިރާއަކުން ވެސް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން ރާއްޖޭގެ އިޤްތިޞާދީ ހުރިހާ ދާއިރާއެއްގައިވެސް މަސައްކަތް ކުރާ ފަރާތްތަކަކީވެސް މަސައްކަތްތެރިގެ ގޮތުގައި ޝާމިލްކުރުމުގެ ގޮތުން މި ނިންމުން ނިންމި އިރު ކުރިއަށް އޮތްތަނުގައި މި ސްކީމްތަކަށް އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މަސްވެރިންގެ ދަފްތަރުގައި ދަފްތަރުކޮށްފައިވާ ކޮންމެ މަސްވެރިއަކަށްވެސް މި ލޯނު ސްކީމަށް އެދި ހުށަހެޅޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަކީ ރައީސުލްޖުމްހޫރިއްޔާގެ ގެދޮރުވެރިކަމުގެ ސިޔާސަތުން މަހުރޫމް ނުވާނެ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ.