ސިޔާސީ ޕާޓީތައް ޖޫރިމަނާކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާއަށް ރައްޔިތުންގެ މަޖިލިހުން ގެނައިލް އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ.
މި ބިލިގައި ވާގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާ ކޮންމެ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭ އިރު، އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
އެގޮތުން މީގެ ކުރިން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެނޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް އިތް މާއްދާ މި އިސްލާހާއެކު އުނިކޮށްފައިވާއިރު، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަށްކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން މި އިސްލާހުގައި ހިމަނައިފައިވެއެވެ.
ސިޔާސީ ޕާޓީއެއް ގާނޫނާ އެއްގޮތަށް އުވާލާނަމަ، އެ ޕާޓީގެ ނިޝާނާއި، ލޯގޯ ނުވަތަ ޕާޓީ ރަމްޒުކޮށްދޭ އެއްޗެއް، އެހެން ޕާޓީއަކުން ބޭނުންކުރެވޭނީ ޕާޓީ އުވާލާ ތާރީޚުން ފެށިގެން ފަސް އަހަރު ފަހުންކަމަށްވެސް މިއަދު ތަސްދީގު ކުރި ބިލުގައިވެއެވެ.