ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 7:15 އިން ފެށިގެން މެންދުރު 11:00 އާއި ހަމައަށް ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް އުފެދިފައިވާ ލޯވެލެލް ސާރކިއުލޭޝަންއަކާއި ގުޅިގެން ކުރަމުން އަންނަ ވިއްސާރައެއް ކަމަށް މެޓް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ވިއްސާރަ ދުވަސްވަރު ކަނޑު ދަތުރުކުރާ ފަރާތްތަކުން ކަނޑުމަތީގައި ދިމާވެދާނެ ހާދިސާއަކަށް ރައްކާތެރިވެ ދަތުރަށް ފެށުމުގެ ކުރިން މޫސުން ކުރިއަށް ލަފާކުރާ ގޮތް ސާފުކުރުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.