ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމުގެ ދަށުން އެ ވަޢުދުފުޅުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ޢަމަލީގޮތުން ފެށިގެން އިއުލާނުކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވަނީ، މި މަޝްރޫއު ނިމިގެން ދާއިރު މިހާރު ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި ހުރި މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވި އެކަމުގެ މަންފާ މާލެ ސަރަހައްދުގައި ދިރުއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫއަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެ ވަޑައިގަތުމަށްފަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ސަރުކާރުގެ ހިލޭ އެހީގައި ހަމަޖެހިގެން ދިޔަ މަޝްރޫޢެކެވެ.
އެގޮތުން މި މަޝްރޫޢު ފެށުމަށްޓަކައި މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެ 21 ވަނަ ދުވަހުގެ ނިޔަލަށް، އެ މަޝްރޫއުގެ ދަށުން ހަދަންޖެހޭ ސާވޭތައް ހެދުމަށް ޗައިނާ ސަރުކާރުން ކަނޑައެޅި ފަންނީ މާހިރުންގެ ޓީމެއް އައިސް މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޙާލަތު ވަނީ ވަޒަންކޮށްފައެވެ.
އެ މުއްދަތުގައި މާލެއާއި ވިލިމާލޭ މަގުތަކުގެ ފީސިބިލިޓީ ދިރާސާ ޗައިނާގެ ޓީމާއި މިނިސްޓްރީގެ ފަންނީ ޓީމުތައް ގުޅިގެން ހަދާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެއެވެ.
ޗައިނާ ސަރުކާރުން މި މަޝްރޫއު ހިންގުމަށް 103 މިލިއަން ޑޮލަރު ހަމަޖައްސައިދީފައި ވާއިރު، މި މަޝްރޫއުގެ ދަށުން މަގުތައް ހަދާނީ އަޑީގައި ހުރި ފެނާ ނަރުދަމާ އަދި ކަރަންޓް ސާވިސްފަދަ ނެޓްވޯކްތައް އެއްކޮށް އާކޮށް، އެއަށްފަހު މާލޭގެ މަގުތައް ރޫޅައިގެން އެއްވެސް މަސައްކަތެއް ކުރަންނުޖެހޭގޮތަށް ކަމުން މި މަޝްރޫޢަށް ބޮޑު ޚަރަދެއް ހިނގާނެކަމުގައި ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.