ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި ކުއްލި އިސްލާހު ބާޠިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
19 ވަނަ މަޖިލިހުގައި ކެންދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަދި ޤާނޫނީ ދާއިރާގައިވެސް ފާހަގަކޮށްލެވޭ އަލީ ހުސެއިންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވިދާޅުވީ، ޤާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ޤާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާއި ޚިލާފަށް އަދި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ޚިލާފަށް ކަމަށެވެ.
ޤާނޫނުއަސާސީއަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ މިދިޔަ ބުދަ ދުވަހެވެ. ހަމަ އެ ދުވަހު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، ހަވީރު ވަނީ ތަޅުމުން ފާސްކޮށްފައެވެ. އިރުއްސުނު ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީޤުކުރައްވައިފައެވެ.
މިހާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އަވަސް އަވަސް އަރުވާލައިގެން މިފަދަ ބޮޑު ޤާނޫނަކަށް ސަރުކާރުން އިސްލާހު ގެނައުމާއި ގުޅިގެން ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި އިދިކޮޅު ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ބޭފުޅުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ގޮވާލައްވައިފައެވެ. ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވެސް ވަނީ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ޤާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މި އިސްލާހާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންނަށާއި، ޤައުމަށް ވަރަށް މުހިންމު އިސްލާޙުތަކެއްކަމަށާއި، މި އިސްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.