-Advertisement-

-Advertisement-

ވަކިކުރުމަށް ވޯޓަށް އެހުމަށް ތައްޔާރުވެފައިވަނިކޮށް ސަލާމާއި ޠާހާ އޭސީސީން އިސްތިއުފާދީފި

އޭސީސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ/ ސަން

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށް އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ޠާހާ މުހައްމަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މި ދެ ބޭފުޅުންގެ މައްޗަށްވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވި އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުން ދެ ބޭފުޅުންވެސް މަޤާމުން ވަކިކުރުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އިއްޔެ ފާސްކޮށްފައެވެ.

ދެ ބޭފުޅުން ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ވަނީ ޒިންމާތައް މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު ޤާނޫނުއަސާސީ އަދި ޤާނޫނުގައި ބުނާގޮތަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ކުރަމުން ދަނިކޮށް، އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް އެ ދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ކަމަށެވެ.

ވުމާއެކު އޭސީސީގެ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރެވޭނެ މާހައުލެއް އޮތް ކަމަށް ނުފެންނާތީ އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ވެސް ސިޓީގައިވެއެވެ.

އެގޮތުން ސަލާމާއި ޠާހާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި  މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، މަޤާމުގައި ހުރެ ޤާވާއިދާ ޚިލާފަށް އެތައް ކަމެއް ކުރުމުގެ އިތުރުން ބައެއް މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތާއި މުވައްޒަފުންނާ ދޭތެރޭ ގޯސްކޮށް އަމަލުކުރުމުގެ ތުހުމަތުތައް ހިމެނެއެވެ.

މަޖިލީހުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތިން މެންބަރެއްގެ މައްޗަށްވެސް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ކުރިކަމުގެ ތުހުމަތުކޮށް ވަކިކުރަން ފާސްކޮށްފައެވެ.

އީސީން ވަކިކުރަން ނިންމާފައިވަނީ އެ ކޮމިޝަންގެ ތިން މެންބަރުން ކަމަށްވާ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ޑރ. މުހައްމަދު ޒާހިރެވެ. އެ ތިން މީހުންގެ މައްޗަށް ވެސް، ރީ-ރެޖިސްޓްރޭޝަންގައި އޮޅުވާލުމާއި ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ހުރަސް އެޅުން ފަދަ ތުހުމަތުތައް ކުރެއެވެ.

އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރާއިރު، އެ ދެ ކޮމިޝަންގެ ރައީސުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އައްޔަންކުރެއްވޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލިހުން ވަނީ ފާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-