އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފަސްކޮށްފިއެވެ.
އެ ބާރު ރައީސަށް ދިނުމަށްޓަކައި ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލިހުން ބަލައިގަނެ އެ ބިލު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ. އަދި އެ ކޮމެޓީން މިދިޔަ ބުދަ ދުވަހުވަނީ އެ ދެ ބިލު ދިރާސާކުރުމަށްފަހު ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބިލު ފާސްކުރުމަށް ނިންމާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވަކިވަކިން ދެ ބިލަށް ވޯޓަށް އަހައިފައެވެ. އެގޮތުން ދެ ބިލުގައިވާ ޤާނޫނަށްވެސް އިސްލާހު ގެންނައުމަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 69 މެމްބަރުންނެވެ. ނުފެންނަ ކަމަށް 10 މެމްބަރުން ވޯޓު ދެއްވިއެވެ.
ޤާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، އޭސީސީ އާއި އީސީގެ ރައީސް އައްޔަން ކުރަނީ އެ ކޮމިޝަނެއްގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެހެން ނަމަވެސް މިއަދު ފާސްކުރެވުނު ބިލާއެކު އެ ކޮމިޝަންތަކަށް ރައީސެއް އައްޔަން ކުރުމަށް، ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ނަން ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ގިނަ ތުހުމަތުތަކެއްކޮށް ކުރެވި އޭސީސީގެ ނައިބްރައީސް ސަލާމާއި މެމްބަރު ޠާހާ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި އެ މައްސަލައިގައި ވޯޓަށް އެހުމަށް މިއަދު ތައްޔާރުވެފައި ވަނިކޮށް އެ ދެ ބޭފުޅުން ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި އިސްތިއުފާގެ ސިޓީ ރައީސަށް ފޮނުވައިފައިފައެވެ.