މީހުން ދިރިއުޅޭ ރަށްރަށުގައި ހަދައިފައިވާ، 50އަށް ވުރެ ގިނަ ކޮޓަރީގެ ޓޫރިސްޓު ހޮޓާތަކުން ޚިދުމަތް ދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް މާރުކުރަން ޖެހޭ އަދަދު 500 ޑޮލަރުން، 25 ޑޮލަރަށް ކުޑަ ކުރުމާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
އެގޮތުން މިދިޔަ މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ޤަވައިދު ހަރުދަނާކުރުމަށް އެކުލަވާލި ބޭރު ފައިސާއާ ބެހޭ ބިލަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން އާންމުންގެ ޚިޔާލަށް ހުޅުވާލުމަށް ނިންމައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކުރިގޮތުގައި މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރެވެންދެން، މިހާރު އޮތް ޤަވާއިދަށް އަމަލުކުރަމުންދާނެއެވެ.
އެގޮތުން މިހާރު އަމަލުކުރަމުން ދާ ޤަވާއިދާއި ތަފާތުކޮށް އަލަށް އެކުލަވާލާ ބިލުގައި ހިމަނައިފައިވާ ކަންތައް ތަކުގެ ތެރޭގައި މީގެ ކުރިން ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަން ޖެހޭ ކެޓަގަރީ ބީގައި މީގެ ކުރިން ހިމަނައިފައި ވަނީ 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ. ވުމާއެކު އެ ޤަވާއިދުގެ ދަށުން 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ބޭންކަށް މާރުކުރަން ޖެހެއެވެ.
ނަމަވެސް މިހާރު އެކުލަވައިލައިފައިވާ ބިލުގައި ވަނީ، 50އަށް ވުރެ ކޮޓަރި މަދުވިޔަސް ގިނަވިޔަސް ހިމެނޭނީ ކެޓަގަރީ ބީގައި ކަމަށް ކަނޑައަޅައިފައެވެ. އެއާއެކު، ބިލް ފާސްކޮށްފި ނަމަ، 50އަށް ވުރެ ގިނަ ކޮޓަރި ހުންނަ ހޮޓާތަކުން ވެސް މާރުކުރަން ޖެހޭނީ ގެސްޓްހައުސްތަކުން މާރުކުރާ ވަރަށް، ބޮލަކަށް 25 ޑޮލަރެވެ.
މީގެ އިތުރުން އެ ބިލުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ނުހިމެނޭ، އަހަރަކަށް 20 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން 25 ޕަސެންޓަށް ވުރެ ބޮޑު ނުވާ ގޮތަށް، އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ކަނޑައަޅައިފައިވާ އަދަދެއް މާރުކުރަން ހިމަނައިފައެވެ.
މި ބިލުގައި ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ، ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުންނާއި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އިތުރުން އެ ޓޫރިޒަމް އެސްޓަބްލިޝްމެންޓްގައި ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ ފަރާތްތަކެވެ.
އެމްއެމްއޭއިން ބޭރު ފައިސާއާ ގުޅޭ ޤަވާއިދުގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަދަލު ގެނެސް، ބިލެއް އެކުލަވައިލީ އެ ޤަވާއިދާ ގުޅޭ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.