ދިރިއުޅުމަށްޓަކައި ގެދޮރު އިމާރާތްކުރުމަށް ހުޅުމާލެއިން ބީލަން އުސޫލުން 10 ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބީލަން އުސޫލުން ވިއްކާ މި 10 ބިމަކީ ބީޗް ސައިޑް އަދި ބީޗް ފްރަންޓްގައި ހިމެނޭ 10 ބިން ކަމަށެވެ.
އެގޮތުން މި ބިންތަކުގެ ތެރެއިން ބީޗް ސައިޑް ބިންތަކުގެ ބީލަން ފެށޭ އަގެއްގެ ގޮތުގައި އެޗްޑީސީން ކަނޑައަޅައިފައި ވަނީ، އަކަފޫޓަކަށް 4000 ރުފިޔާއެވެ. އަދި ބީލަމުގައި ހިމެނޭ ބީޗް ފްރަންޓްގެ ބިންތަކުގެ އަގު ފެށޭ އަގެއްގެ ގޮތުގައި އެޗްޑީސީން ކަނޑަ އަޅައިފައިވަނީ، އަކަފޫޓަކަށް 4,500 ރުފިޔާކަމުގައިވެސް އެޗްޑީސީން ބުނެފައިވެއެވެ.
މިގެ އިތުރުން އެޗްޑީސީގެ އިއުލާނުގައި ބުނެފައިވަނީ، ބީލަމުގައި ބިންތަކަށް އަގު ހުށަހެޅުމުގައި އެންމެ ދަށް އަގަކަށް ހުށަހެޅޭނީ ފަހަރަކު 1,230 ރުފިޔާ ކަމަށާއި އެންމެ މަތީ އަގެއްގެ ގޮތުގައި ފަހަރަކު ކިޔޭނީ، 3250 ރުފިޔާ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވެ ބިން ގަތުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދި އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެޗްޑީސީގެ އިއުލާނު ބުނެފައިވެއެވެ.
ދާދި ފަހުންވެސް އެޗްޑީސީން ވަނީ ސިނާއީ ބޭނުންތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 12 ބިމެއް ވިއްކުމަށް ހުޅުވާލައިފައެވެ. މިގެ އިތުރުންވެސް އެހެނިހެން ބޭނުންތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 18 ބިމެއް ބީލަން އުސޫލުން ވިއްކުމަށް އެ ކޯޕަރޭޝަނުން ދާދި ފަހުން ހުޅުވާލިއެވެ.