ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އަލަށް ރިޓަޔަރ ވާ މުވައްޒަފުންނަށް މަހުން މަހަށް ދެމުން އަންނަ އެލަވަންސް ހުއްޓާލުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް އެކަން އުވާލައިފިއެވެ.
ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ރިޓަޔަމަންޓަށް ޑަބަލް ޕެންޝަން ދިނުން އަންނަ ޖެނުއަރީ މަހުން ފެށިގެން ހުއްޓާލުމަށް ނިންމައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސިޓީއެއް ފޮނުވީ މި ފާއިތުވި ހަފްތާގެ ތެރޭގައެވެ.
އެހެން ނަމަވެސް އެ މުވައްޒަފުންނަށް ގަނޑުކޮށް ދޭ އެލަވަންސް ލިބޭނެ ކަމަށް އެ މިނިސްޓްރީގެ ސިޓީގައި ވަނީ ބުނެފައެވެ.
ނަމަވެސް ވަރަށް ގިނަ މުވައްޒަފުންގެ ކަންބޮޑުވުންތައް މިކަމުގައި ކުރުމުގެ ސަބަބުން އެ ނިންމުން އުވާލުމަށް ސީދާ ރައީސް ނިންމަވައިފައިވާކަމަށް ރައީސް އޮފީހުން ތަރުޖަމާނު ހީނާ ވަލީދު ވަނީ އޮންލައިން ނިއުސްތަކަށް ކަށަވަރުކޮށްދީފައެވެ.
ވުމާއެކު އިއްޔެ ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލިހުގެ ޖަލްސާގައި އެ ސިޓީއަށް އަމަލު ނުކުރުމަށް ނިންމާފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
ސަރުކާރުން ދެމުން އަންނަ ޑަބަލް ޕެންޝަން އުވާލުމަށް ނިންމާފައިވަނީ، ޕެންޝަން އުސޫލު ހަމަހަމަކޮށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ.