ރާއްޖޭގައި ބޮއްސުންލައިފައިވާ ބިދޭސީންގެ މައްސަލަ ޙައްލުކޮށް ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިތަތުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެފަދަ ބިދޭސީންގެ މައުލޫމާތު ރިޕޯޓްކުރުމަށް އުފެއްދި “އިމިގްރޭޝަން ވޮޗް”އަށް މިހާތަނަށް 1017 މައްސަލަ ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އެ އިދާރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކަގޮތުގައި ޖުލައި 17 ވަނަ ދުވަހު ލޯންޗް ކުރި އިމިގްރޭޝަން ވޮޗަށް މިވީ، 5 މަހާއި ދުވަސްކޮޅެއްގެ ތެރޭގައި 1017 މައްސަަލަ ހުށަހެޅިފައި ވާއިރު، އޭގެ ތެރޭގައި އެންމެ ގިނައން ހުށަހަޅައިފައި ވަނީ ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ކަމަށް ބުނެ ހުށަހެޅި 239 މައްސަލައަކާއި، ވޯކް ވިސާގެ ޤަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ 239 މައްސަލައެވެ.
އިިމިގްރޭޝަން ވޮޗްއަކީ މައުލޫމާތު ދޭ ފަރާތް ނޭނގޭ ގޮތަށްވެސް ރިޕޯޓް ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕޯޓަލްއެކެވެ. އަދި ދޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭނެ ކަމަށާއި މިއީ ފަސޭހަ ކަމާއެކު އިމިގްރޭޝަނާއި ގުޅުން ހުރި މައްސަލަތައް ރިޕޯޓް ކުރަން ހާއްސަ ޕްލެޓްފޯމެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖޭގައި ބޮއްސުންލައިފައިވާ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އަދިވެސް ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތައް ގުޅިގެން ކުރިއަށް ގެންދާ އޮޕަރެޝަންތަކުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފާއިތުވެދިޔަ އެއް އަހަރު ތެރޭ ޤަވާއިދާ ޚިލާފަށް އުޅޭ 5012 ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލައިފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ.