މާލެ ސަރަހައްދުގެ މަގުތަކުގައި ގިނަވެފައިވާ ބުޅާތައް ރައްކާތެރިގޮތުގައި އާލާކޮށް އެކަމަށް ދާއިމީ ޙައްލެއް ގެނައުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ޤާއިމްކޮށް ހުޅުވި “އޮޅު ހިޔާ” ސަރުކަރާއި ހަވާލު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރި މި ފެސިލިޓީ މިދިޔަ ނޮވެމަބަރު މަހުގެ 2 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި ނަމަވެސް އެކި އެކި ސަބަބަުތަކާހުރެ އެ ފެސިލިޓީއަށް ބުޅާތައް ބަދަލުކުރުމުގެ މަސައްކަތް އަދި އޮތީ ނުފެށިއެވެ.
ރޭތަކެއްޗާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އެ ފެސިލިޓީގެ އެންމެހައި މަސައްކަތްތައް ކުރުމަށް މީގެ ކުރިން ހަވާލުކޮށްފައި އޮތީ މާލޭ ސިޓީ ކައުންސިލާއެވެ.
އެގޮތުން އެތަނަށް ބޭނުންވާ ވަސީލައްތަކާއި މުވައްޒަފުން ހޯދުމާއި ބުޅާތައް އެތަނަށް ގެންދިއުމުގެ ޒިންމާވެސް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ސިޓީ ކައުންސިލާއެވެ.
އެހެން ނަމަވެސް އިއްޔެ ކުރިއަށް ދިޔަ މާލެ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ، 174 ވަނަ ޢާއްމު ޖަލްސާގެ ކައުންސިލްގެ އިއްތިފާޤުން އެތަން ސަރުކާރާއި ހަވާލު ކުރަން ވަނީ ނިންމައިފައެވެ.
އޮޅު ހިޔާ ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ރައީސް ވިދާޅުވީ، އެ މަޝްރޫއުއަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެއް ކަމަށާއި އެހެން ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެ މަޝްރޫއު ކުރިއަށް ނުގެންދެވުނީ ކަމުގައެވެ.
މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާނުކުރާތީ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ދާދި ފަހުން މާލޭ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި، މަސައްކަތްތައް ލަސްވަމުންދާ ކަންކަމާއި ގުޅޭގޮން މަޝްވަރާވެސް ކޮށްފައެވެ.