މަސްވެރިންނަށް ފޯރުކޮށްދޭ ތެޔޮ ހެޔޮ އަގުގައި ފަސޭހައިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މާދަމާއިން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ހަތަރު ސްޓޭޝަނަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އއ އަތޮޅާއި ކ އަތޮޅުގެ ރަށްތަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ގާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި ކޮންމެ އަތޮޅެއްގެވެސް އެއް ތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެ ވަޑައިގެންނެވި ވައުދުފުޅުގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ޕްރޮގްރާމެއް އިއުލާނުކޮށްފައިވާނެ ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ނިޔަލަށް ބަހާލައިގެން ކޮންމެ މަހަކު ވެސް ކޮންމެ ވެސް އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ސްޓޭޝަން ހަދައި އެތަނުން ޚިދުމަތްދޭން ކުރެވެމުން އަންނަ މަސައްކަތް ނިމޭއިރު، ރާއްޖޭގެ ކޮންމެ އަތޮޅަކުން އެސްޓޯއީ ރޭޓް އިން ތެޔޮ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރެއިން މާދަމާއިން ފެށިގެން އެފްއެސްއެމްގެ ހަތަރު ސައިޓްތަކުން އެސްޓީއޯ ރޭޓުން މަސްވެރިންނަށް ތެޔޮ ލިބޭނެކަން ރައީސް ވަނީ އިއުލާނުކޮށްފައެވެ.
އެ ރަށްތަކަކީ:
- ހިންމަފުށި
- ކޫއްޑޫ
- ފެލިވަރު
- އައްޑޫ ސިޓީ ހުޅުމީދޫ
އޭގެ އިތުރުން ކޫއްޑޫ އާއި ފެލިވަރުގައި ހުރި މިފްކޯގެ ވެސެލްތަކުން އެސްޓީއޯ ރޭޓްގައި ތެޔޮ ވިއްކުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެކަން ވެސް ކާމިޔާބުވެއްޖެނަމަ އިރާދަކުރެއްވިއްޔާ މިފްކޯގެ ވެސެލްތަކުން ވެސް ކޫއްޑޫގައި ފެލިވަރުގައި އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ – ރައީސް
ހުޅުމާލޭގެ އިތުރަށް އެސްޓީއޯއިން ވަނީ ފިއުލް ސްޓޯރޭޖް ގާއިމުކުރާނެ ރަށްތަކެއް ކަނޑައަޅާފައެވެ. އެ ރަށްތަކަކީ:
- ހދ. ހަނިމާދޫ
- ހއ. އިހަވަންދޫ
- ށ. މިލަންދޫ
- ނ. މަނަދޫ
- ޅ. ފެލިވަރު
- ރ. ދުވާފަރު
- އއ. މަތިވެރި
- ވ. ފެލިދޫ
- މ. މުލަކު
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ތ. ހިރިލަންދޫ
- ލ. ގަން
- ގއ. ކޫއްޑޫ
- ގދ. ފަރެސްމާތޮޑާ
- ސ. ހުޅުމީދޫ
- ޏ. ފުވައްމުލައް
މީގެ އިތުރުންވެސް ރައީސް މިއަދު ވަނީ، ސްވެރިންގެ ދަފުތަރު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ދަފުތަރާ ބެހޭ ޤަވާއިދު މި ހަފުތާގެ ބުރާސްފަތި ދުވަހު ގެޒެޓުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.