ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސް އެޅި ތިން ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށް އެ ފަރާތްތަކުގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ، މއ ވިރާހް އުމުރުން 39 އަހަރުގެ މުހައްމަދު ޝާމީންގެ އިތުރުން ލ ދަނބިދޫ ސަންރޭ، އުމުރުން 33 އަހަރުގެ އަޙްމަދު ޝަބީނާއި ހދ ކުމުންދޫ ހޮލިޑޭވިލެޖް، އުމުރުން 36 އަހަރުގެ ނުޢުމާން އަހްމަދެވެ.
ރޭގެ މުޒާހަރާގައި ބައެއްް ޓެކްސީ ޑްރައިވަރުން ރޭ ވަނީ ހުޅުމާލެ ފަޅިން ބްރިޖަށް އަރާ ހަލިމަގު (ހައިވޭ) ބަންދުކޮށް، އާއްމު ދަތުރުފަތުރަށް ހުރަސް އަޅައިފައެވެ.
ވުމާއެކު ފުލުހުން ވަނީ އާންމު ދަތުރުފަތުރަށް ހުރަސް އެޅި، 22 ޓެކްސީއެއް ޓޯ ކޮށްފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މުހައްމަދު ޝާމިނާއި އަހްމަދު ޝަބީންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސްދުވަސް ޖަހައިފައިވާކަމަށާއި، ނުއުމާން އަހްމަދު ބަންދުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރޭގެ މުޒާހަރާއަކީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާތީ އެ ކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 63 ވަނަ މާއްދާގައި ބުނާގޮތުން ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވައިގެން 30 ދުވަހަށް އުޅަނދު ހިފެހެއްޓުމަކީ އެ މާއްދާގައި ބުނެފައިވާ އަދަބުތަކުގެ އިތުރުން ފުލުހުންނަށް އޮންނަ އިޚުތިޔާރީ ކަމެކެވެ.