އަމީނީ މަގުގައި ހުންނަ ހައުސިންގް މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވެ މުޅި އިމާރާތް އަނދައި ހުލިވި ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނެއްސިއެވެ.
މި ހާދިސާގައި ހައުސިންގް މިނިސްޓްރީގެ އިމާރާތުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އޮފީސްތައް ހިންގަމުން އައި ބައިތައްވެސް އަދައި އޭގެ އިތުރުން ޖެހިގެން ހުންނަ ގްރީން ބިލްޑިންގައި ވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވިއެވެ.
ފުލުހުން ބުނެފައިވަނީ އެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސް ބައެއް މަގުތައް ބަންދުކޮށްފައިވާކަމަށެވެ. އެއީ އަމީނީ މަގު އަލިފާނުގެ ހާދިސާ ހިނގި މަގުގެ ސަަރަހައްދާއި، ހަނދުވަރީ ހިނގުމުގެ ސަރަހައްދެކެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާރު ތިން ވުޒާރާ ވަނީ ދަރުބާރުގެއަށް ބަދަލު ކޮށްފައެވެ.
މި ހަދިސާގައި މާލޭ ސިޓީ ކައުންސިލްގައި ރައްކާކޮށްފައި ހުރި މާލޭ ދަފްތަރުގެ ގިނަ ލިޔެކިޔުންތަކެއް ހަލާކުވެ ގޮއްސައިވާއިރު، ހައުސިންގް މިނިސްޓްރީގެ ލިޔެކިޔުންތަކާއި އެ މިނިސްޓްރީގެ ސަރވާވެސް ރިކަވަރ ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް ހައުސިންގް މިނިސްޓަރ ހައިދަރު ވަނީ ވިދާޅުވެފައެވެ.