-Advertisement-

-Advertisement-

ހޮނިހިރު ދުވަހު ފެންބޮޑުވުމުގެ ސަބަބުން މާލޭގެ 30 ގެއަކަށް ގެއްލުންވެއްޖެ

މިދިޔަ ހޮނިހިރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ އެ ސަރަހައްދުގެ ގެތަކަށް ފެން ވަދުމުގެ ސަބަބުން ޖުމުލަ 30 ގެޔަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހާމަކޮށްފިއެވެ.

އެގޮތުން ފެންބޮޑުވެ ފެން ވަދުމުގެ ސަބަބުން އެދުވަހު  އެ އޮތޯރިޓީ އާއި ފުލުހުންނާއި ސިފައިން އަދި ދިވެހި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 98 ކޯލް ލިބިފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ  ވެލި ބަސްތާ ޖަހައި ދިނުމަށް އެދި 70 ކޯލާއި ގެއްލުންތައް ރިޕޯޓު ކުރުމަށް 21 ކޯލް އަދި ޒަރޫރީ އެހީތެރިކަމަށް އެދި ހަތް ކޯލްކަމަށް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން ހާމަކުރެއެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނެފައިވަނީ އެ ދުވަހު ފެންބޮޑުވުމުގެ ސަބަބުން ފެން ވަނުން ކޮންޓްރޯލް ކުރުމަށްޓަކައި ސިފައިންނާއި މާލެ ސިޓީ ކައުންސިލާއި ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުން ޖުމުލަ 49 ތަނެއްގައި 304 ވެލި ބަސްތާ ޖެހިކަމަށާއި  ވެލި ބަސްތާ ޖެހި ތަންތަނުގެ ތެރޭގައި ގޭގެއާއި ގުދަން އަދި ފިހާރަ ފަދަ ތަންތަން ހިމެނޭ ކަމަށެވެ.

މީގެ އިތުރުންވެސް ވަގުތުން އެހީތެރިކަން ބޭނުންވާ ކަމަށް ފާހަގަ ކުރެވުނު، 12 ގޭބިސީއެއްގެ ރެޕިޑް އެސިސްމަންޓް ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކުގައި ހެދިއިރު، މީގެތެރެއިން އަށް ގޭބިސީއެއްގެ 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިން ހަމަޖައްސައި ދިން ކަމަށްވެސް އެންޑީއެމްއޭ ބުނެއެވެ.

މި ހާދިސާގައި ޑެމޭޖު އެސެސްމަންޓް ހަދަން ޖެހޭ ކަމަށް ފާހަގަކުރެވުނު 30 ގެއެއްގެ އެސެސްމަންޓް ހަދައި ނިންމާފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

ގެއްލުންތަކުގެ ތެރޭގައި ގިނަ ކަމަށް ފާހަގަ ކުރެވެނީ ހިފައިގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކާއި ސީލިން ފަދަ ތަންތަނަށް ލިބުނު ގެއްލުމެވެ. ލިބިފައިވާ ގެއްލުންތައް ހިސާބުކުރުމާއި އިތުރަށް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-