މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި، މޮނިޓަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މިއަދުން ފެށިގެން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް އޮފިޝަލުންނާއި މޮނިޓަރުންގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އޮބްޒާވަރުންގެ ޝަރުތުތަކުގެ ތެރޭގައި, އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނޭއިރު އެ މީހަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ރެޖިސްޓާ ވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. މޮނިޓަރުންނަށް ވެވެނީ ރާއްޖޭގައި މަސައްކަތްކުރާ ނޫސް އަދި މަޖައްލާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަގުވާމީ މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.