ފުރާވަރަށް އަރާ ކުދިންނަކީ ގެންގުޅެން އެންމެ އުނދަގޫ ދަތި އުމުރުފުރާ ކަމުގައި ހުރިހާ ބެލެވެރިންވެސް އެއްބަސްވާނެއެވެ. ކުއްޖާ ފުރާވަރަށް އެރުމުން މިހާ ބޮޑު ބަދަލެއް އައިސް ނުރަނގަޅު އަމަލުތަކެއް ފެންނަނީ ކީއްވެބާއޭ ހިތަށް އަރާ ބެލެނިވެރިން މަދެއް ނުވާނެއެވެ.
އަޅުގަނޑުމެން ޤަބޫލު ކުރަންވީ ހަޤީޤަތަކީ މި “ނުރަނގަޅު އަމަލުތައް” ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ “Bad Behavior” އަކީ ފުރާވަރަށް އަންނަކުދިން، އެކުދިންގެ ހެދިބޮޑުވުމުގައި ޙާސިލް ކުރަން ޖެހޭ މުހިއްމު ހަރުފަތެކެވެ. މި އުމުރަކީ އެކުދިންގެ ހޯމޯންސްއަށް ވަރަށް ގިނަ ބަދަލުތަކެއް ގެނުވާ އަދި ކުއްޖާގެ އިހުސާސްތައް ގިނަވެ، އެ އިޙުސާސްތައް،ޚާއްސަކޮށް އޭނާގެ ބެލެނިވެރިން ނުދަންނަކަމަށް ގަބޫލު ކުރެވިދާނެ އުމުރެކެވެ.
ވީމާ މިފަދަ ބަދަލްތައް އެންމެ ރަނގަޅު ގޮތުގައި ހައްލުކޮށް އެކަމާ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ޑީލް ކުރާނެ ގޮތްތަކެއް އެބަހުއްޓެވެ.
- “ފަރުވާތެރި ކަމާއި އެކު ކުއްޖާގެ އަޑު އެހުން”
ކުއްޖާގެ ކިބައިން ތިމާ ހިތް ހަމަ ނުޖެހޭ ނުރަނގަޅު އަމަލެއް ފެންނަ ނަމަ އެކުއްޖާއަށް އަދަބު ދިނުން ނުވަތަ އެއްޗެތި ކިޔުމުގެ ބަދަލުގައި، އެކަމެއް ދިމާވުމުގެ ސަބަބުތައް ކުއްޖާގެ ކިބައިން ކުރިމެރުމެއްނެތި، ކަނުލާ އަޑުއަހާށެވެ. އެކުއްޖާގެ އިހުސާސްތައް ބުނަން ނުވަތަ ވީގޮތް ކިޔައިދޭން ކުއްޖާއަށް ފުރުސަތު ދޭށެވެ.
- “ކުއްޖާގެ އިހުސާސްތައް ޤަބޫލުކުރާށެވެ.”
ކުއްޖާ އެވަގުތެއްގައި ހާމަކުރާ އިޙުސާސް ތަކަކީ ބެލެނިވެރިޔާ ސައްޙަ ކުރާނެ އިޙުސާސް ތަކެއްކަމުގައި ހަދާށެވެ. އެކުދިންގެ އަމަލަކީ ގޯސް އަމަލެއް ނަމަވެސް އެ ވަގުތު އެކުރެވޭ އިހުސާސްތަކަކީ ތިމާއަށްވެސް ވިސްނޭ އަދި ޤަބޫލު ކުރެވޭ އިހުސާސް އެއް ކަން ކުއްޖާ ކައިރީގައި ބުނާށެވެ. މިސާލަކަށް: “ދަރިފުޅު ތިކަމާ ރުޅިއަންނަކަން މަންމަ އަށް އެނގޭ..” ނުވަތަ “މަންމަ އަށް ޤަބޫލު ކުރެވޭ ތިހެން އިޙުސާސް ކުރެވޭނެކަން…”
މިގޮތަށް ކަންތައް ކުރުމުން ކުއްޖާއާއި ބެލެނިވެރިޔާއާއި ދެމެދު އޮންނަ އިތުބާރާއި ގުޅުން ހަރުދަނާވެ ބެލެނިވެރިޔާއަކީ އަމާން ފަރާތެއް ކަމުގައި ކުއްޖާއަށް އިހުސާސް ކުރުވުމެވެ.
- “ކުއްޖާ ބަދުނާމު ކުރުމުން ދުރުވުން”
ކުއްލިއަކަށް ކުއްޖާ ބަދުނާމު ކުރުމުގެ ބަދަލުގައި ކުއްޖާ ކުރި ކަންތަކާއި މެދު ވިސްނާށެވެ. “މަންމަ” ނުވަތަ “ބައްޕަ” މި ލަފްޒުތައް ބޭނުން ކޮއްގެން ތިބާގެ ކަންބޮޑުވުންތައް ފާޅު ކުރާށެވެ.
މިސާލަކަށް “ޔޫސުފް މިހާރު ކިޔެވުމަށް ހާދަ ފަރުވާ ކުޑައޭ!” މިހެން ބުނުމުގެ ބަދަލުގައި “މަންމަ ވަރަށް ކަންބޮޑުވޭ ޔޫސުފް ގެ ގްރޭޑް ތަށް ދައްވަމުން ދާތީ.”
- ކުދިންނަށް ކަންކަމުގައި އިޚްތިޔާރު ކުރަން ފުރުސަތު ދިނުން
ކުއްޖާއަށް އޭނާގެ ކަންކަމުގައި ކޮންމެވެސް ވަރެއްގެ ކޮންޓްރޯލް އެއް އޮތް ކަމުގެ އިޙުސާސް ކުރުމަށްޓަކައި، ކަންކަން އިޚްތިޔާރު ކުރުމުގެ ފުރުސަތުދޭށެވެ. މިސާލަކަށް ކުއްޖާ ބޭރަށް ދިޔުމަށް ފަހު އަބަދު ގެއަށް ލަހުން އަންނަކަމުގައި ވާނަމަ ގެއަށް އައުމަށް ގަޑިއެއް ކަނޑައަޅަން ފުރުސަތު ދޭށެވެ. “ޔޫސުފް ގެއަށް އެންމެ ލަސްވެގެން އަންނަން ބޭނުން ވާ ގަޑިއަކީ 6 ޖަހާއިރުތަ ނުވަތަ 7 ޖަހާ އިރުތަ؟”
- ބެލެނިވެރިޔާއާއި ކުއްޖާއާ ދެފަރާތުން މައްސަލަތައް އެކުގައި ހައްލުކުރުން
ކުއްޖާއާއި އެކު ކަންކަން ހައްލު ކުރަން މަޝްވަރާ ކުރާށެވެ. ދިމާވާ މައްސަލަ ތަކުގައި އެކުދިންގެ ޚިޔާލު ހޯދާ ގޮތެއް ނިންމާށެވެ. މީގެން ކުއްޖާއަށް ކަންކަން ހައްލުކުރަން ދަސްވެ ޒިންމާ ދާރުވުން އިތުރުކޮށްދޭނެއެވެ.
- ކުއްޖާއަށް ސާފުވާނެހެން ކަންކަމުގައި އިންތަކެއް ކަނޑައެޅުން
އިންސާފު ވެރި އެހެން ނަމަވެސް މުހިންމު ޤަވައިދު ތަކެއް ކުއްޖާ ބޯލަނބަން ކަނޑައަޅާށެވެ. މި ޤަވައިދު ތަކާއި ޚިލާފު ވެއްޖެނަމަ އޭގެ ނަތީޖާއާއި ކުރިމަތި ލާން ޖެހޭނެ ކަން ކުއްޖާއަށް ސާފުކޮށް ބަޔާން ކޮށްދޭށެވެ.
- ކުއްޖާ ކުރާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ތައުރީފު ކުރާށެވެ.
މިފަދަ ތައުރީފުތަކަކީ ކުއްޖާގެ ނުރަނގަޅު އަމަލުތައް ރަނގަޅު ކުރުމަށް ދެވޭ އަދަބު ތަކަށް ވުރެ މާ ހެޔޮ ނަތީޖާ ނެރެދޭނެ ކަމެކެވެ. ކުއްޖާގެ ކުއްތައް ހަނދާން ކޮށްދިނުމުގެ ބަދަލުގައި ކުއްޖާ ކުރާ ރަނގަޅު ކަންކަންވެސް ފާހަގަ ކުރާށެވެ.
- ކުއްޖާއަށް ތިބާއަކީ ރަނގަޅު ނަމޫނާއަކަށް ވާށެވެ.
ބެލެނިވެރިޔާގެ އަމިއްލަ ކަންކަމުގައިވެސް ރުޅި އިސްނުކޮށް، ކެތްތެރިކަމާއި، އޯގާތެރިކަން އިސްކޮށްގެން ގޮތް ނިންމާތަން ކުއްޖާއަށް ދައްކާށެވެ. ކުއްޖާ އެންމެ ފުރަތަމަ އުނގެނޭނީ ކުއްޖާގެ މާހައުލުން ފެންނަ ކަންތައްތަކުންނެވެ.
- ކެތްތެރިވާށެވެ.
ކެތްތެރިކަމާއި އެކު ކުއްޖާއަކީ ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކާއި ހުއްޓުމެއް ނެތި މަސައްކަތް ކުރާށެވެ. މިއީ ވަގުތު ބޭނުންވާ ކަމެކެވެ.
ފުރާވަރުގެ އުމުރަކީ ވަރަށް ދަތި އުނދަގޫ އުމުރެކެވެ. ބެލެނިވެރިއާ އަށްވެސް އަދި ކުއްޖާ އަށްވެސް ވެސްމެއެވެ. ވީމާ ނުރަނގަޅު އަމަލުތަކެއް ފެންނަ ކުއްޖެއް ރަނގަޅު ކުރުމަށް އޯގާތެރިކަމާއި، އަޑު އެހުމާއި، ދެފަރާތުގެ މުއާމަލާތް ވަރަށް މުހިއްމެވެ. މިހުރިހާ ކަމަކަށް ކެތްތެރިވެ، އުއްމީދު ކަނޑާނުލައި ﷲ އަށް ވަކީލު ކުރުމުގައި ދެމިހުރުމުން ކާމިޔާބު ވާނެއެވެ.
ނޯޓް: މި އާޓިކަލްގެ ނުކުތާތައް ނަގައިފައިވަނީ މަޝްޙޫރު ލިޔުންތެރިން އެޑެލް ފޭބަރ އަދި އެލައިން މަޒްލިޝް ގެ ފޮތް “ހައު ޓު ޓޯކް ސޯ ކިޑްސް ވިލް ލިސަން އެންޑް ލިސަން ސޯ ކިޑްސް ވިލް ޓޯކް” ގެ ފޮތުންނެވެ.