އެމްޑީޕީން ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް ނިންމައިފިއެވެ.
އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ގަވާއިދާ ޚިލާފަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މިއަދުގެ ޖަލްސާ ނިންމަވާލައްވާފައި ވާތީ، އެ މައްސަލައިގައި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އާއްމު ކޮމިޓީއަށް ލިބިފައިވާ އިޚުތިޔާރުގެ ތެރެއިން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމައްވަނީ ހުށަހަޅުއްވާފައެވެ.
މިމައްސަަލައަށް އަވަސް ހައްލެއް ހޯދާއި، މައްސަލަ އަވަހަށް ނިންމަން ޖެހޭކަމަށާއި މިމައްސަލައާއި ގުޅިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި އޮތް އޮތުމުން އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ރަޝީދު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ އަގުލައްބިއްޔަތުން ވަނީ އޭޖީ އިބްރާހީމް ރިއްފަތުގެ ލަފާ ހޯދުމަށް ފާސްކޮށް، ބަންޑާރަ ނައިބުގެ ލަފާ ލިބުމުން އެ ލަފާ އަމީންއާއްމަށް އެރުވުމަށް ކޮމެޓިން ވަނީ ނިންމައިފައެވެ.