-Advertisement-

-Advertisement-

މާދަމާއަށްވެސް ނަޝީދުގެ މައްސަލަ ތާވަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރަށް ގޮތެއް ނިންމުމަށް މާދަމާއަށް އިތުރު ޖަލްސާއެއް ތާވަލުކޮށްފި އެވެ.

ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ ގަރާރު މިއަދު ދެ ޖަލްސާއަކަށް އެޖެންޑާކޮށްގެން ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މިއަދު ހެނދުނު 9:00 ގައި ބޭއްވި ފުރަތަމަ ޖަލްސާގައި ރިޔާސަތުގައި އިންނެވި ނަޝީދުގެ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ނިންމަވައި ނަޝީދު ވަކިކުރުމުގެ ގަރާރުގެ ބޭރުކޮށްލައްވައިފަ އެވެ.

އެ ނިންމުން މަޖިލީހުގެ އިދާރާއިން ގަބޫލުނުކުރާތީ މިއަދު ހެނދުނު 11:30 އަށް ދެވަނަ ޖަލްސާއެއް ތާވަލުކުރުމުން، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އަފީފްގެ އެ ނިންމެވުން ދަމަހައްޓަވައި، އެ ގަރާރު ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅުއްވައި ޖަލްސާ ނިންމަވާލައްވާފައިއެވެ.

މާދަމާ ހެދުނު 11:00 ޖަހާއިރަށް ތާވަލް ކޮއްފައިވާ ނަޝީދު ވަކިކުރުމުގެ ގަރާރުގެ ކުރިން 9 ޖަހާއިރަށް އަންނަ އަހަރުގެ ބަޖެޓާއި ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމަށް ތާވަލުކޮށްފައިވެއެވެ.

މިދިޔަ މަހުގެ 31ގައި ވެސް ދެ ބަޖެޓް މަސައްކަތްވަނީ މަޖިލީހުގައި އެޖެންޑާ ކުރެވިފައިއެވެ. ނަމަވެސް ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ ޖަލްސާއަށް ހުރަސްއަޅައި، ހުއްޓުވައިފަ އެވެ.

އެމްޑީޕީން، މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް، މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމާފައިވަނީ ގޯސްކޮށް ކަމަށް މާނަކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި ހުކުމް އިއްވަމުން ސުޕްރީމް ކޯޓިން ވިދާޅުވެފައިވަނީ މަޖްލީސްގެ ނައިބު ރައީސް އީވާ ނެތަސް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ. ހަމަ އެއާއި އެކު ދައުލަތުގެ ބަޖެޓު ފާސްކުރުމާއި ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލާޒިމުކޮށްފައިވާ ކަންކަމަށްވާތީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ނުނިންމިޔަސް، އެ ކަންކަން ކުރުމަށް ހުރަހެއް ނެތް ކަމަށް ހުކުމް ކުރައްވާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-