މިއަދު ހެނދުނު ކޯޓު އަމުރާއި އެކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އޮފީހަށް ފުލުހުން ވަދެ ބަލާ ފާސްކުރަމުންދަނީ އެކުންފުނީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި ޕެޓީ ކޭޝްގެ މައްސަލާގައި ކަން އެނގިއްޖެ އެވެ.
އަދި އާރްޑީސީގެ ކޮންމެ ޑިޕާޓްމަންޓަކުން އެއް މުވައްޒަފަކު ފިޔަވައި އެހެން ހުރިހާ މުވައްޒަފުން އޮފީހުން ނެރި ފުލުހުންނާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޓީމެއް ވެސް އާރުޑީސީގެ ތެރޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުންނާއި އޭސީސީން، އާރްޑީސީގެ އޮފީސްތެރޭގައި ހަރަކާތްތެރިވަމުންދަނީ އާރްޑީސީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލައާ ގުޅިގެންނެވެ.
ގިނަ އަދަދެއްގެ ފައިސާ ކޮންމެ މަހަކު ވެސް ފޮނުވަނީ ޕެޓީ ކޭޝް ގެންގުޅުމާ ގުޅޭ ގޮތުންކަމަށާއި އެ ފައިސާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ބޭންކު އެކައުންޓަށް ކޮންމެ މަހަކުވެސް ޖަމާވާކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުވެސް ވަނީ ކޮށްފައެވެ. ނަމަވެސް އާރްޑީސީން ވަނީ އެކަން ދޮގުކޮށް އެގޮތަށް ހަބަރު ފެތުރި ބައެއް މީޑިއާތަކާ ދެކޮޅަށް ސިވިލް ކޯޓަށް ވެސް މައްސަލަ ހުށައަޅާފައެވެ.