ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގައި ހުންނެވުމަށް ފަހު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު ސަބަބަކަށްވި ހުކުމް އިއްވި، އަހުމަދު ޝަކީލް މިއަދު ރިޓަޔަރ ކުރައްވާފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
ޝަކީލް ރިޓަޔާވެ ވަޑައިގަތުމަށް ފުރުސަތު ދޭން ނިންމީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިމަހުގެ 02 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވި އިރު ޝަކީލު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައެވެ. ނަމަވެސް އެހުމް އިއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަނީ ބަދަލު ކުރެވިފައެވެ. އެއީ ސިޔާސީ ގޮތުން ޖަހައިދިން ހުކުމަކާ ގުޅިގެން ޝަކީލަށް ދިން ޕްރޮމޯޝަނެއް ކަމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުން ކުރިން ބުނެފައިވެ އެވެ.
ހިތުގެ އާލާސްކަންފުޅަކާއި ގުޅިގެން ޑޮކްޓަރުން ދީފައިވާ ލަފާތަކަށް ރިއާޔަތް ކުރުމަށްފަހުޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ފަނޑިޔާރު ޝަކީލް ރިޓަޔާވެ ވަޑައިގަތުމަށް ފުރުސަތު ދޭން ނިންމާފައިވާކަމަށެވެ.
ޝަރުއީ ދާއިރާ އަށް 20 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަކީލަކީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އަހްމަދު ޝަކީލް އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރީ މާޗް 23، 2003 ގައެވެ. ފަނޑިޔާރު ޝަކީލް 20 އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި، ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ޝަކީލް ކުރެއްވީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.
ފަނޑިޔާރުން ރިޓަޔާކުރެއްވުމުން އެ ބޭފުޅުންނަށް މުޅި އުމުރަށް ކޮންމެ މަހަކުވެސް އެކަށީގެންވާ ބޮޑު އެލަވަންސެއް ލިބެ އެވެ.