-Advertisement-

-Advertisement-

އޭސީސީގެ އަމުރަށް ފްލެޓުތައް ދިނުން ހުއްޓިއްޖެ!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގުމާ އެއްގޮތަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުންދޭ ފުރަތަމަ 4000 ފްލެޓް  ދިނުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހުއްޓާލާފައިވާ ކަމަށް މިއަދު ބުނެފިއެވެ. 

ޕްލޭނިން މިނިސްޓްރީން ފްލެޓުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު، އަލުން ދާއިމީ ލިސްޓު އާންމުކުރި ފަހު އޭސީސީންވަނީ ފްލެޓުތައް ދިނުން މަޑުޖައްސަން އަންގާފައެވެ. މީގެފަހުންވެސް ފްލެޓް ހަވާލު ކުރާ ކަމުގެ އަޑުތައް ފެތުރި ފުރަތަމަ ފްލެޓް ލިބޭ 4000 މީހުންގެ މެދުގައި ގުރުއަތު ނެގުމުގެ މަސައްކަތް ޕްލޭނިން މިނިސްޓިރީން ވަނީ ރޭ ކުރިއަށް ގެންގޮސްފައެވެ.  

ފްލެޓް ލިބުނު ދާއިމީ ލިސްޓަށް ފްލެޓް ހަވާލު ކުރުން މި ވަގުތަށް ހުއްޓާލުމަށް އޭސީސީއިން އަންގާފައިވާތީ އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން މިހާރު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބަޔާންކޮށްފައެވެ.  

އޭސީސީއިން ޕްލޭނިން މިނިސްޓްރީއަށް ރޭ ފޮނުވި ސިޓީގައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި، އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށާއި ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާ ކަމާއި، ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން ހުރި ހާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަަމަށް އޭސީސީން އެ ސިޓީގައި ބުނެފައިވެއެވެ. 

މިމަހުގެ 4 ވަނަ ދުވަހު ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ފުރަތަމަ އިއުލާން ކުރިއިރު އެ ލިސްޓާއެކު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 76 ޕޮއިންޓުން ފެށިގެން މަތިން ލިބޭ މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 73އިން ފެށިގެން މަތިން ޕޮއިންޓް ލިބޭ މީހުންނެވެ.  

ލިސްޓު އިއުލާން ކުރުމަށް ފަހު ގިނަ ބައެއްގެ ޝަކުވާ މިނިސްޓިރީއަށް އަމާޒުވެ، ފްލެޓަށް ކުރިމަތިލި މީހުންގެ ތެރޭއިން ބައެއް ފަރާތްތަކުން މިނިސްޓްރީގެ އޮފީހަށް އެއްވެ އިހުތިޖާޖު ވަނީ ކޮއްފައެވެ. އޭސީސިީއިން ވަނީ މި މައްސަލަ ތަހުގީގުކުރަން މިނިސްޓްރީގެ އޮފީހަށްވެސް ވަނީ ގޮސްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-