ސިވިލް ސާވިސް ކޮމިޝަންއިން މިއަދު ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި އުނދަގޫވާ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ އެންމެ ދިގު މުއްދަތަަކީ ދަރިފުޅަށް ދެ އަހަރު ވަންދެންކަމަށް ކަނޑައަޅައިފިއެވެ.
ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް ފަސޭހަ ކަމާއި އެކު މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިވިލް ސާވިސް އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުގެ އޮފީސްތަކަށް އެކޮމިޝަނުން ފޮނުވި އާންމު އެންގުމުގައި ވަނީ ބަޔާންކޮށްފައެވެ.
މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދުނުވާނެ ގޮތުގެ މަތިން ކަމަށާއި އެ މުއްދަތުގައި އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެ ކަމަށް ވެސް އެ ކޮމިޝަނުގެ ބަޔާނުގައިވެއެވެ.
ސަރުކާރުން ވަނީ 2019 ވަނަ އަހަރުން ފެށިގެން، ސިވިލް ސާވިސް މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން މަންމަ އަށް ހަ މަސްދުވަހުގެ ހާއްސަ ޗުއްޓީއާއި ބައްޕައިންނަށް އެއް މަސްދުވަހުގެ ހާއްސަ ޗުއްޓީއެއް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ދަރިންނާއި މައިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވުމަށް އެހީތެރިވެދި، މައިންގެ ދިމާވާ ނަފްސާނީ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވެގެންދެއެވެ.