ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވިހެއުމުގައި އަންހަނުންނަށް ލިބިގެންވާ ޙައްޤުތަކާއި މެދުވަނީ ގިނަ ދިރާސާތަކެއް ހެދި އެކަމަށް ގިނަ ގަރާރުތަކެއް ނެރެވިފައެވެ. ވިހެމުގެ ތެރޭގައި އަންހެނާއަށް ލިބިދޭންޖެހޭ ޙައްޤުތަކުގެ ސަބަބުން އަންހެނުންގެ ކަރާމާތްތަކަށް ހުރަސް ނޭޅި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ.
އެގޮތުން ވޯލްޑް ހެލްތު އޯގަނައިޒޭޝަންއިން ވިހެމުގެ ތެރޭގައި މަންމައަށް ލިބިގެންވާ ޙައްޤުތަކަށް އަލިއަޅުވާލައި ނެރެފައިވާ ގައިޑްލައިންއެއްގައި ވާގޮތުގައި ވިހެމުގެ ތެރޭގައި ދިމާވާ ޕްރޮސީޖާތަކާޢި، ވިހާނެ މާހައުލާއި، ވިހެއުމުގެ ތެރޭގައި ކައިރީގައި ހުންނާނެ ފަރާތްތައް ކަނޑައަޅާ ނިންމުމުގެ ފުރުސަތު އޮތުމަކީ މަންމައަށް ލިބިގެންވާ މުހިއްމު ޙައްޤެކެވެ. އަދި ސިއްޙީ އެއްވެސް ގެއްލުމެއް ނެތްނަމަ، ވިހެއުމުގެ ތެރޭގައި ބޭނުން އިރަކު ހަރަކާތްކޮށް، ފެނާއި ހަކަތަ ލިބިދޭ ކާއެއްޗެތި ބޭނުން ކުރުން ވަރަށް މުހިއްމުކަމެވެ. ހަރަކާތް ކުރުމުގެ ތެރޭގައި މަންމައަށް އެންމެ ފަސޭހަ އަދި ބޭނުންވާ ގޮތަކަށް އޮވެ ވިހެއުމަކީ ކޮންމެ އަންހެނެއްގެވެސް ޙައްޤެކެވެ.
މީގެ އިތުރުން ވިހެމުގެ ތެރޭގައި އަންހެނާ ވިހާ މާހައުލަކީ އަންހެނާއަށް ރައްކާތެރި އަމާން ތަނަކަށް ވާންވާނެއެވެ. އަދި މިފަދަ މާހައުލެއްގައި މަސައްކަތް ކުރާ ފަރާތްތަކަކީ މަންމަގެ ހަމަ ޖެހުން އިސްކުރާ ބަޔަކަށް ވާންވާނެއެވެ. ބައެއްފަހަރަށް މިފަދަ މާޙައުލުތަކުގައި މަންމަގެ ގައިގައި ހުންނަ އުނި ސިފަތައް ފާހަގަ ކުރެވި، ނުވަތަ މަންމަ އަކީ ފިނޑި، ބަލި މީހެއްކަން އިހުސާސު ކޮށްދެވޭ ޙާދިސާތައްވެސް ދިމާވެއެވެ. އެހެންނަމަވެސް ހަޤީގަތަކީ މިފަދަ މާޙައުލުގައި އުޅޭ އެހީތެރިންނަކީ މަންމައަށް ހިތްވަރާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ބަޔަކަށް ވާންޖެހޭނެކަމެވެ. މިފަދަ ކަންކަން ނުވާނަމަ އެކަމާ ދެކޮޅަށް ވާހަކަ ދައްކާ އެކަން ބަދަލް ކުރުމަށް ބުނުމަކީ މަންމަގެ ހައްޤެކެވެ.
ކުއްޖާ ދުނިޔެއަށް އައުމަށް ފަހު ކުއްޖާއަށް ޡަރޫރީ އެހީތެރިކަމެއް ބޭނުން ނުވާ ހާލަތުގައި މަންމައާއި ކުއްޖާއާއި ވަކި ކުރުމަކީ އެއްވެސް ފަރާތަކަށް ލިބިގެންވާ ހައްޤެއްނޫނެވެ. ބައެއްފަހަރަށް ވަޤުތު ސަލާމަތް ކުރުމަށްޓަކާ ކުއްޖާ ވިހާތަނުން، އެކި ބޭނުންތަކަށް ކުއްޖާ މައިމީހާއާއި ދުރުގައި ބެހެއްޓެއެވެ. އެހެންނަމަވެސް އޭގެ ސަބަބުން ކުއްޖާއަށާއި މައިމީހާއަށް ގެއްލުންވާކަމަށް ޑަބްލިއު އެޗް އޯގެ ރިޕޯޓްތަކުން ދައްކައެވެ. އެގޮތުން ޑަބްލިއު އެޗް އޯ ގެ ޤައިޑްލައިންތަކުން ބުނާގޮތުގައި ކުއްޖާ ދުނިޔެއަށް އުފަން ވުމަށްފަހު، އެއީ ވިހެއުން ނުވަތަ ސިޒޭރިއަންކަމުގައިވި ނަމަވެސް، އެންމެ މަދުވެގެން 2 ގަޑިއިރު މެދުކެނޑުމެއްނެތި، މައިމީހާއާއި ކުއްޖާ ހަމާ ޖައްސައިގެން (Skin to Skin) އޮތުމަކީ ހުރިހާ ސިއްޙީ ވުޒާރާއަކުންވެސް ބާރުއަޅަން ވާނެކަމެއްކަމުގައި ބަޔާން ކޮށްފައިވެއެވެ.
ވީމާ މިފަދަ ޙައްޤުތަކަކީ ވިހެމަށް އުއްމީދުކުރާ ކޮންމެ އަންހެނަކުވެސް އެކަމަށް ހޭލުންތެރިވެފައިވާ ޙައްޤުތަކެއްކަމުގައި ވާންވާނެއެވެ. މިފަދަ ޙައްޤުތަކާއިމެދު އަންހެނުން ހޭލުންތެރި ކުރުވާ ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޒިންމާއެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުން މިފަދަ ޙައްޤުތައް ޤާނޫނީ ގޮތުން ކަށަވަރު ކޮށްދިނުމަށްޓަކާ ވަނީ ގިނަ ޤަވައިދުތަކެއް ހަދާފައެވެ. ނަމަވެސް ރާއްޖޭގައި ވިހެމުގެ ތެރޭގައި އަންހެނާއަށް ލިބިދޭންޖެހޭ ޙައްޤުތަކާއި ބެހޭ ޚާއްސަ ޤާނޫނެއް އަދި ނެތެވެ.