ޕީޕީއެމް ދޫކުރައްވާ ވަޑައިގެންނެވި ޕީޕީއެމްގެ ކުރީގެ ލީޑަރ ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް، ޕީޕީއެމްއާއި އެކު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ލީޑަރ އަބްދުރަޙީމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. މިރޭ އަދަދު ނޫހުގެ އެތެރެފުށް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވަނީ އަބްދުއްރަޙީމް އަކީ ޖާހިލެއް ކަމަށް ސިފަ ކުރައްވާފަ އެވެ.
“ދުނިޔޭގަ މީހަކަށް، އެއްވެސް މީހަކަށް ހެދޭނެ އެންމެ ބޮޑު ގޯހަކީ، އަދި އަމުދުން އެމީހަކީ ކިތަންމެ ކިޔަވައިގެން ހުރި މީހެއް ކަމުގައި ވިޔަސް، ކިޔެވުމަކީ ވަން ތިންގް، މީހަކު ކިޔާފާނެ. އެޑިއުކޭޓް ވެދާނެ. އެކަމަކު އަދި ޙިލްމަކީ އެހެން އެއްޗެއް. ކިޔަވާފަ ހުރި މީހަކަށްވެސް، އަދި ނުކިޔަވާ ހުރި މީހަކަށްވެސް ހެދޭނެ އެންމެ ބޮޑު މިސްޓޭކަކީ ޖާހިލެއްގެ އަތްދަށުވުން.”
އަބްދުއްރަޙީމްއަށް ނިސްބަތްކޮށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އަދި ޕީޕީއެމްގެ އިސް ސަފުގައި ތިބި މެންބަރުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެފައިވާކަން ވެސް ޖަމީލް ވަނީ ފާހަގަކޮށްފަ އެވެ. ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީން ކުރި ކެމްޕޭންގައި ރައީސް ޔާމީންގެ ނަން އަދި ފޮޓޯ ބޭނުންކޮށް ރައީސް ޔާމީން މިނިވަންކުރުމުގެ ނަމުގައި ހިންގި ބޮޑެތި ހަރަކާތްތަކަކީ ހަމައެކަނި ވޯޓް ހޯދުމަށް ކުރި ކަންތަކެއް ކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ ލީޑަރޝިޕުން ވަރަށް ބޮޑަށް ޕާޓީއަށާއި ރައީސް ޔާމީން އަށް ޚިޔާނާތްތެރިވެފައިވާ ކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ޕީއެންސީގެ ލީޑަރޝިޕުން ޕީޕީއެމް އުވާލުމަށް ފައި ވިއްދާފައި ހުރިކަމަށްވެސް ޑރ. ޖަމީލް ތުހުމަތު ކުރެއްވިއެވެ. ކުރިއަށް އޮތް މަޖިލިސް އިންތިޚާބާއި ހަމައަށް ދާއިރު ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުކޮށް ޕާޓީ ހުސްކޮށްލުމަށް ރާވާފައިވާކަމަށްވެސް ޖަމީލު ވަނީ ތުހުމަތުކޮށްފަ އެވެ.
މިދެންނެވި “ބަޣާވާތް” ރާވާ ހިންގުމުގެ އެންމެ އަޑީގައި ހުންނެވީ އަބްދުއްރަޙީމް ކަމަށާއި ޚުދު ރައީސް މުޢިއްޒުވެސް ހުންނެވީ އަބްދުއްރަޙީމަށް ކުރުނީސްކުރާ ހާލުގައި ކަމަށްވެސް ޑރ، ޖަމީލް ވިދާޅުވިއެވެ. އަދި 2013 ވަނައަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ތެރޭގައިވެސް އަބްދުއްރަޙީމް ރައީސް ޔާމީނަށް ނިސްބަތްކޮށް ވަރަށް ބޭއަދަބީކޮށް ވާހަކަދެއްކި ކަމަށާއި އަދި މިވާހަކަދެއްކި އަޑު ރައީސް ޔާމީންގެ ދަރިކަލުން ޒައިން އަށްވެސް އިވިވަޑައިގަންނާނެކަމަށެވެ. ޑރ. ޖަމީލް ސިފަކުރެއްވީ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީއަކީ ޕީޕީއެމްގެ މައި ޕާޓީ ކަމަށެވެ.
ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ އުފެއްދުމަށް އެދި މާދަމާ އިލެކްޝަނަށް ފޯމު ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.