މާލޭ ސިޓީ މޭޔަރެއް އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް، މިދިޔަ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ. މިއަދު ހަވީރު އާޒިމް އެމްޑީޕީ އޮފީހަށް ފޯމް ހުށަހަޅުއްވަން ދުރުވުމުން ފޯމާ ހަވާލުވެލެއްވީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އެވެ.
ފޯމް ހުށަހެޅުއްވުމަށްފަހު އާޒިމް ވަނީ ނޫސްވެރިންނާ ބައްދަލުކޮށް އާޒިމްގެ ތަސައްވަރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ދަތި ހާލުގައި މީހުން އުޅެމުންދާ މާލެސިޓީ، ހިތްގައިމު، ޗާލު، ނަލަ ތަނަކަށް ހައްދަވައި ދެއްވުމަކީ އެމަނިކުފާނުގެ އަމާޒުކަމަށާއި މާލޭގެ މަގުތައް ހަޑިވުމާއި ހިނގާ ބިނގާވެ އުޅުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރެއްވި އާޒިމް ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ، މިހާރު މިއޮތް ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށެވެ. އަދި މިސަރުކާރަކީ ކާމިޔާބު ސަރުކާރަކަށް ނުވާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް އަކީ އިނގިރޭސިވިލާތުގެ ނޮޓިންހަމް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންޝިއަލް ސްޓަޑީސް ހައްދަވާފައި ހުރި ބޭފުޅެކެވެ. އާޒިމްގެ ހިންގެވުމުގެ ދަށުން އެމްޓީސީސީ ވަނީ އެތައް އާ ހަރުފަތްތަކެއް ގިރާކޮށްފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިފައިވާ އާރްޓީއެލްގެ ޙިދުމަތެވެ.
ބައިއިލެކްޝަންގެ ގޮނޑިތަކަށް ވާދަކުރައްވާނެ މެންބަރުން ހޮވުމަށް ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ ހަވީރު 16:00 އެވެ.
މާލެސިޓީ ކައުންސިލުގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ 2024 ވަނައަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުއެވެ.