އައިވީއެފް އާއި ދަރިމައިވުމުގެ އެކި ޚިދުމަތްތައް އަދި އަހަރަކު 2 މެޑިކަލް ޗެކަޕް އާސަންދައިގެ ދަށުން ހެދޭނެ އުސޫލެއް ޤާއިމް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ އާސަންދައާއި ބެހޭ ތިން ވަޢުދެއް ފުއްދުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ. އެގޮތުން ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ކުރުމުގެ ކަންކަން އާސަންދައިން ހަމަޖެހޭނެ އުސޫލެއް އެކުލަވާލުމާއި އައިވީއެފް ހެދުމުގެ ޚަރަދާއި އެކަމާއި ގުޅުންހުރި ޚަރަދުތައް އާސަންދައިން ހަމަޖެއްސުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ. އަދި މިކަމަށް އުސޫލެއް ވަރަށް އަވަހަށް އެކުލަވާލައި ޝާއިޢު ކުރައްވާނެ ކަމަށެވެ.
އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް އާސަންދައިން ހަމަޖެހޭނެ ކަމަށާއި އެކަމަށް ބޭނުންވާ އުސޫލުތައްވެސް ވަރަށް އަވަހަށް އެކަށައެޅި އިޢުލާން ކުރެވި ތަންފީޒުކުރެވިގެންދާނެ ކަމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މިގޮތުން ސަރުކާރުގެ ހުރިހާ ހޮސްޕިޓަލްތަކެއްގެ އިތުރުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ އަމިއްލަ ސިއްޚީ ޚިދުމަތްދޭ ތަންތަނުންވެސް މެޑިކަލް ޗެކަޕް ހެދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އާސަންދައިން ލިބިގެންދާނެ އިތުރު ޚިދުމަތެއްގެ ގޮތުން، ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް އަޕްގްރޭޑް ކުރާއިރު އިތުރަށް ހިނގާ ޚަރަދު އާސަންދައިން ހަމަޖައްސަން ނިންމާފައިވާ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ދަރިމައިވުމުގެ ފަރުވާ ރައްޖޭގައި ފުޅާކުރުމަށްޓަކައި 30 މިލިއަން ރުފިޔާގެ ބަޖެޓެއްގެ ތެރެއިން ފާޓިލިޓީ ކެއަރ ސެންޓަރެއް ޤާއިމް ކުރައްވާނެ ކަމުގެ ޚަބަރުވެސް ރައީސް ނޫސްވެރިންނާއި ޙިއްސާ ކުރެއްވިއެވެ.