ޕީޕީއެމް ޕީއެންސީ ހިމެނޭ ކޯލިޝަނުން 2024 ވަނައަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުން އަޣުލަބިއްޔަތު ނަގާނެ ފޯމިއުލާ، ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ކިޔާދެއްވައިފިއެވެ. ޕީއެންސީގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދައި ސަރުކާރުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނެގުމުގެ ޙަޤީޤީ ފޯމިއުލާ ކަމަށެވެ.
އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ ނޫސްވެރިއަކު، ޕީއެންއެފް އާއި ގުޅުވައިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޕީއެންސީ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އަބްދުއްރަޙީމް އަށް އެންމެ ގިނައިން ކުރިމަތިވި ސުވާލުތަކަކީވެސް ރައީސް ޔާމީން އުފެއްދެވި އާޕާޓީ ޕީއެންއެފްއާއި ގުޅުންހުރި ސުވާލެވެ.
ޕީއެންއެފްއަށް މެންބަރުން ހަމަކުރަންފަށާފައިވާ އިރު އޭގެ އަސަރު ޕީއެންސީ އަށް ކުރޭތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަޙީމް ދެންނެވީ “ބަޔަކު ޕާޓީއެއް ހަދައިގެން އުޅުނަކަސް ޕީއެންސީ ކޯލިޝަނަކަށް އަސަރު ނުކުރާނެ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރިއިރު ޕީއެންސީގައި ތިއްބެވި މެންބަރުންނަށްވުރެ މިހާރުވެސް މެންބަރުން ގިނަވާނެ” ކަމަށެވެ.
ސީޓްރެކްސް ބިލްޑިންގ ގެ 7 ވަނަ ފަންގިފިލާގައި ހުޅުވުނު އޮފީހަކީ ޕީއެންސީގެ ރަސްމީ އަމިއްލަ އަލަތު އޮފީހެވެ. މީގެކުރިން ޕީއެންސީ ހިންގާފައިވަނީ ކުރިން ޕީޕީއެމް ހިންގި އޮފީސް ތެރޭގައެވެ. ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގަތުމުން އެޢިމާރާތުގެ ވެރިން ވަނީ ޕީޕީއެމް އެ ޢިމާރާތުން ނެރެ ޕީއެންއެފްގެ އޮފީހަކަށް ބޭނުންކުރުމަށް އެޢިމާރާތް ދީފައެވެ.