ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަން އިން ބޮޑު އޮޕަރޭޝަނެއް ފަށަން ތައްޔާރު ވެއްޖެއެވެ. އިމިގްރޭޝަން އިން މިއަދު ކުރި އިޢުލާނުން ވަނީ ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލާފާސްކުރަން ފަށާނެކަން ހާމަކޮށްފައެވެ.
އިމިގްރޭޝަންއިން ބުނެފައިވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ އައިޑެންޓިޓީއާއި ވިސާ ޗެކްކުރުމަށްފަހު ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބީދޭސީންނާއިމެދު ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން އެފަދަ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށެވެ.
އިމިގްރޭޝަނުން ހިންގާ މިއޮޕަރޭޝަންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމާއި ވޯކްވިސާގައި ރައްޖޭގައި އުޅެމުންދާ ބިދޭސީންގެ ކަންކަން ޤަވާއިދުގެތެރެއަށް ފެއްތުމެވެ. އަދި މިކަމުގައި ޤައުމުތަކުގެ އެމްބަސީތަކާއި ގުޅުންހުރި އެންމެހާ އިދާރާތަކާއި ވަޒީފާދޭފަރާތްތަކުގެ އެހީވެސް ހޯދާނެކަމަށް އިމިގްރޭޝަންގެ އިޢުލާނުގައި ވެއެވެ.
ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ބިދޭސީންގެ މައްސަލައަކީ ކުރީގެ ސަރުކާރުތަކުންވެސް މަސައްކަތްކޮށް ހައްލުކުރުމުގައި ނާކާމިޔާބުވެފައިވާ މައްސަލައެކެވެ. މިގޮތުން މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީއިން އިސްނަގައިގެން ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ރަޖިސްޓްރީކޮށް ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ފަރާތްތައް ޤަވާއިދަށް ފެއްތުމަށް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ދައުރު ނިމިގެން ދިޔައީ އެމަސައްކަތަށް މާބޮޑު ކުރިއެރުމެއް ނުލިބިއެވެ.
ދިވެހިރާއްޖޭގެ މަސައްކަތުގެ ދާއިރާތަކުގެ ވަރަށް ބޮޑު އިންސައްތައެއް ބިދޭސީން ޙިއްސާކުރެއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ކޮންސްޓްރަކްޝަން އަދި ކުދި ވިޔަފާރިތަކާއި މަސްވެރިކަމުގައިވެސް ބިދޭސީންގެ ދައުރާއި ނުފޫޒު ވަނީ ވަރަށް ބޮޑުވެފައެވެ. ދިވެހިރާއްޖޭގެ އާބާދީގެ %30 ޕަސެންޓަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅެމުންދާއިރު، ބިދޭސީންގެ ކަންކަން ވަކި އުސޫލުތަކެއްގެ ތެރެއިން ނުބެލެހެއްޓުމުގެ ސަބަބުން އިޖުތިމާޢީ މައްސަލަތައްވެސް މިދިޔަ 10 އަހަރުގައިވަނީ ނިސްބަތުން އިތުރުވެފައެވެ.