އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކޮށްފިއެވެ. ރާއްޖޭގެ ތެލުގެ ވިޔަފާރިގެ އެންމެބޮޑު ހިއްސާދާރު، އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކޮށްފައިވާކަން މިރޭ އިޢުލާން ކޮށްފައެވެ.
ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ އެސްޓީއޯއިން ކުރި އިޢުލާނުގައިވަނީ އެކުންފުނީގެ ސަބްސިޑިއަރީ ކުންފުނި، އެފްއެސްއެމްގެ ޝެޑުތަކުން ވިއްކާ ޕެޓްރޯލް ލިޓަރަކުން 0.40 (ސާޅީސް ލާރި) އަދި ޑީސަލް ލިޓަރަކުން 0.45 (ސާޅީސްފަސްލާރި) 8 ޑިސެމްބަރުން ފެށިގެން ކުޑަކޮށްފައިވާ ކަމަށެވެ.
2022 ގެ ޖޫންމަހުގައި ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުކުރިފަހުން އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލުގެ އަގު ކުޑަކުރި މިއީ 3 ވަނަ ފަހަރެވެ. މިގޮތުން މިއަހަރުގެ މެއި އަދި ޖޫންމަހު ވަނީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފައެވެ.
މިއަހަރުގެ ޖޫންމަހުގެ 9 އިން ފެށިގެން ޑީސަލް ލިޓަރެއް އެސްޓީއޯއިން ވިއްކާފައިވަނީ 15 ރުފިޔާ 07 ލާރިއަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާފައިވަނީ 14 ރުފިޔާ 73 ލާރިއަށެވެ. މާދަމާއިންފެށިގެން އަގަށް މިއައި ބަދަލާއިއެކު ޑީސަލް ލިޓަރެއް ވިއްކާނީ 14 ރުފިޔާ 62 ލާރިއަށެވެ. އަދި ޕެޓްރޯލް ލިޓަރެއް 14 ރުފިޔާ 33 ލާރިއަށެވެ.