-Advertisement-

-Advertisement-

މަޖިލިސް އިންތިހާބު ބާއްވާ ތާރީހެއް ކަނޑައެޅޭނެ ކަމަށް ލަފާކުރެވެނީ ޖެނުއަރީގައި

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެމްބަރުން އިންތިހާބުކުރަން ބާއްވަންޖެހޭ އިންތިހާބުގެ ތާރީހެއް ކަނޑައެޅޭނެ ކަމަށް ލަފާކުރެވެނީ ޖެނުއަރީގައި ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބު ބާއްވަންޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާ މުއްދަތާއި އަންނަ އަހަރުގެ ރޯދަމަހާ ދިމާވާތީ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކު ކޮމިޝަނުން މިހާރު މަޝްވަރާ ކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ބޭނުންވީ ބައެއް ޕާޓީތަކުން ކަމަށާއި ބައެއް ޕާޓީތަކުން ބޭނުންވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބާއި ރޯދަމަހާ ދިމާވާތީ ހުރި ގޮންޖެހުންތައް ހިއްސާކޮށް އިންތިހާބު ތާރީހަށް ބަދަލުތަކެއް ގެންނަން އީސީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށައެޅި ނަމަވެސް ކޮމިޓީން މަޝްވަރާކޮށް ފާސްކުރީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވެން އޮތް އެންމެ އަވަސް ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.

ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލައިގެން އިންތިހާބު ބާއްވާނަމަ މި ހިނގާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބުގެ ހުރިހާ މަސައްކަތްތަކެއް ނިންމަން ޖެހޭނެއެވެ. ގާނޫނުގައި ބުނާ 30 ދުވަސް ހަމަވާ ތާރީހަކީ އޭޕްރިލް 28، އެވެ. މި ފެށޭ އަހަރުގެ ރޯދަ މަސް ނިމޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ދުވަހަކީ އޭޕްރިލް 9، ނުވަތަ އޭޕްރިލް 10، އެކެވެ.

އެހެންކަމުން ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، ދެ ވަނަ ބުރުގެ ކުރިން ކެމްޕޭނު ކުރުމަށާއި އެހެނިހެން ހުރިހާ ކަމަކަށް ދޭންޖެހޭ 15 ދުވަހުގެ މުއްދަތު ދިނުމަށްފަހު ގާނޫނުގައި ބުނާ 30 ދުވަހުގެ ކުރިން އިންތިހާބު ހުރިހާ މަސައްކަތެއް ނިންމުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-