ތެލެސީމިއާގެ ބަލިމީހުންނަށް ދެވޭ އެންމެ ކާމިޔާބު ފަރުވާ ކަމަށްވާ ބޯންމެރޯ ހެއްދުން އާސަންދައިގެ ދަށުން ކުރެވޭ ގޮތަށް ހަމަޖައްސަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ، އަލްއުސްތާޒް މުޙައްމަދު ފިރްޒުލް، މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ތެލެސީމިއާ ކުދިންނަށް މިހާރުވެސް އާސަންދަ މެދުވެރިކޮށް ބޭސް އަދި އެހެނިހެން ފަރުވާއާއި ގުޅޭ ތަކެތި ލިބެމުންދާ ކަމަށާއި، މިއަދު ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ވެސް އާސަންދައިގައި ހިމެނުމަށްކަމަށެވެ.
ރާއްޖެއަކީ ނިސްބަތުން ތެލެސީމިއާ ބަލީގައި ލޭއަޅާކުދިން ގިނަ ޤައުމެކެވެ. ތެލެސީމިއާގެ ފަރުވާގައި ބޭނުންވާ ބޭސް ލިބުމުގައި އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އެސްޓީއޯ ބޭސްފިހާރަތަކުން އެހެން ބޭސްތަކެކޭ އެއްފަދައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ.
ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ބިނާކުރުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މިގޮތުން ތެލެސީމިއާ ބަލީގެ އެންމެހާ ޚިދުމަތެއް ދެވޭނެ އަދި ރަށްރަށުން އަންނަ ފަރާތްތަކަށްވެސް ތިބެވޭނެ އިންތިޒާމް ޤާއިމްވެފައިހުންނަ 25 މިލިއަން ޑޮލަރުގެ ހޮސްޕިޓަލެއް މާލެސިޓީ ސަރަޙާއްދުގައި ޤާއިމްކުރެވޭނެކަމަށް ނޫސްވެރިންންގެ ސުވާލަށް ޖަވާބުދެއްވަމުން މުޙައްމަދު ފިރްޒުލް ވިދާޅުވިއެވެ.