މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންޒީރުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައި ވަނިކޮށް، އެ މަނިކުފާނު އިސްވެ ހުންނަވާ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވުމަށް އެ ޕާޓީގެ އޮފީހަށް ރޭ ވަޑައިގެން، ހަފުލާގައި ބައިވެރިވެވަޑައިގެން މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަންސްގެ ފަރާތުން މިއަދު މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންއެފްގެ އޮފީހަށް ރައީސް ޔާމީން ވަޑައިގެން މައްސަލަ އެ ސާވިސްއިން އަންނަނީ ބަލަމުންނެވެ. ނަމަވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ގައިދީންނަށް އާއްމު މެންބަރެއްގެ ގޮތުގައި ޕާޓީއަކާ ގުޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. ގެއަށް ބަދަލުކުރެއްވި ފަހުން ޔާމީނަށް ވަނީ، ސިއްހީ ކަންކަމަށް ބޭރަށް ނުކުމެ އުޅުމުގެ ލުއިތަކެއް ދީފައެވެ. އެ ލުއިތައް ލިބިވަޑައިގަތްފަހުން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޔާމީން ގެންދެވީ ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ.