ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން، އެ އިދާރާގެ ކުރީގެ ރައީސް އަހުމަދު ތާރިގް (ޓޮމް) މަސައްކަތް ފަށައިފި އެވެ.
ދިވެހި ފުޓްބޯޅައިގެ އެންމެ އުނދަގޫ ހާލަތުގައި ބައްސާމްގެ އިސްތިއުފާއަށް ގިނަބަޔަކު ގޮވަމުން އަންނައިރު، އެ އިދާރާ އޮތީ ގިނަ ބަޔަކަށް ދަރަނިވެރިވެފަ އެވެ. މިގޮތުން އެ އިދާރާގެ މުވައްޒަފުންނާއި، ކުލަބުތަކަށާއި، އަމިއްލަ ފަރުދުންނާއި، ކުޅުންތެރިންނާއި، އެކި ކުންފުނިތަކަށްވެސް މިލިއަނުން އެފްއޭއެމް އޮތީ ދަރާފަ އެވެ.
އެފްއޭއެމް އޮތް ހާލަތަށް ބަލާއިރު، މުސާރަ ނުލިބޭތާ އެތަށް މަހެއްވެފައިވާއިރު، އެ އިދާރާގެ މުވައްޒަފުން ވަޒީފާއަކަށް ނުނިކުމެ އެވެ. މުބާރާތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި، ކުރިއަށް ރޭވިފައިހުރި މުބާރާތްތައް ހުރީ ހުއްޓިފަ އެވެ.
މި ދަނޑިވަޅުގައި ބައްސާމް މަގާމުން ދުރުކުރުމަށް ނިކުމެ ހުރީ އެ އިދާރާގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު އެވެ. އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާނެކަމަށް އިއުލާންކޮށްފައިވާ ތާރިގު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ބައްސާމް ރީތިގޮތުގައި އިސްތިއުފާ ދިނުމަށެވެ.
“އެފްއޭއެމްގެ ރައީސް ބައްސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތްވަނީ ފެށިފައި. ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ އިސްތިއުފާދިނުން” ގައުމީ ޓީމްގެ ކުރީގެ ފޯވާޑް ލިޔެފައިވެ އެވެ.
ބައްސާމްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތާރިގު އަންނަނީ މެންބަރު ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެ އެސޯސިއޭޝަންގެ މެންބަރު ކުލަބުތަކުގެ ތިންބައިކުޅަ ދެބައި ކުލަބުތަކުން، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި ނަމަ، ކޮންގްރެސްއެއް ބާއްވާ އެކަމަށް ވޯޓަށް އަހަން ޖެހޭނެ އެވެ.