ރަތް ކަނޑު ހުރަސްކޮށް އިޒްރާއީލުގެ ބަނދަރުތަކަށް ދާ ބޯޓްފަހަރުތައް ޔަމަނުގެ ހޫތީން ހިފަހައްޓަން ފެށުމުގެ ސަބަބުން އިޒްރޭލުގެ ޝިޕިންގ އިންޑަސްޓްރީއަށް ބިލިއަނުން ގެއްލުން ވާން ފަށައިފިކަން ހާމަވެއްޖެއެވެ.
ފަލަސްތީނުގައި އިޒްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ތެދުވެފައިވާ ޔަމަނުގެ ހަނގުރާމަވެރި ސިފައިން ވަނީ ރަތް ކަނޑު ހުރަސްކޮށް އިޒްރާއީލުގެ ބަނދަރުތަކަށް ދާ ހުރިހާ ބޯޓެއް އަތުލައިގަނެ ހިފަހައްޓާނެކަމަށް އިންޒާރުދީފައެވެ. “ކޮންމެ ޤައުމެއްގެ ބޯޓަކަށް ވިޔަސް އިޒްރާއިލުގެ ބަނދަރަށް ދާން ފުރުސަތެއް ނުދެވޭނެ” ޔަމަނުގެ ހޫތީންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ރަތް ކަނޑު ހުރަސް ނުކުރެވޭތީ އިޒްރާއީލަށް ދާ ބޯޓްފަހަރު ދާންޖެހޭނީ އެފްރިކާ ބައްރު ވަށާލާފައެވެ. މިރޫޓޫން ދަތުރުކުރުމުން 18 ދުވަސް ދަތުރަށް އިތުރު ވެގެން ދާނެއެވެ. އަދި މީގެ ސަބަބުން އިޒްރާއީލަށް އިމްޕޯޓްކުރާ މުދަލުގެ އަގު %3 އިތުރުވެ އިޒްރާއީލުގެ އިޤްތިސާދަށް 3 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުން ވެއްޖެކަމަށް އިޒްރާއީލުގެ “އީލާތު ޕޯޓު” ގެ ޑިރެކްޓަރ ޖެނެރަލް މީޑިއާގައި މައުލޫމާތު ޙިއްސާކުރަމުން ވިދާޅުވިއެވެ.