ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގެ މަސައްކަތް ނުސީދާކޮށް އެމްޑީޕީއިން ފަށާފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމްޑީޕީއަށް ނުސީދާ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަކަށް ލޮޅުން އަރުވާލަން އުޅުމަކީ ދިވެހި ދައުލަތަށް ޣައްދާރުވުން ކަމުގައި ރައީސް ސިފަކުރެއްވިއެވެ.
“ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ޚާއްސަކޮށް ތިމާމެންގެ އާރާއި ބާރު ދައްކާލަން ބޭނުންވީމާ، ރައްޔިތުންނާއި މިލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މިލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ޤައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވާހިންގާ ޤައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް” ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިވާހަކަކޮޅު އަމާޒުކުރެއްވީ ނުސީދާކޮށް އެމްޑީޕީއަށް ކަމަށް ބެލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮންނަ އެމްޑީޕީއިން ވަނީ އެޕާޓީގެ މަޖިލިސް މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރެވޭނެފަދަ އިސްލާޙެއް މަޖިލީހުގެ ޤަވާއިދުގައި ހިމަނުމަށް ނިންމާފައެވެ. މިއިސްލާޙު ފާސްވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމަކީ މާދުރުގައިވާކަމެއް ނޫނެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގައި މިއިސްލާޙާއި މެދު ތަފާތު ވިސްނުން ހުންނެވި ބައެއް ބޭފުޅުން އެބަތިބި ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ދައުރުގެ ފުރަތަމަ ކޮޅު ވަކިކުރަން ދެކޮޅުހަދާ މަދު މެންބަރުންތަކެއް ޕީޖީ ގްރޫޕްގައި އެބަތިބިކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނޭ މެންބަރަކު މަޢުލޫމާތު ދެއްވިއެވެ. އެމްޑީޕީގެ ބައެއް އިސްވެރިން ދަ ޑިމޮކްރެޓްސްއާއި އެކު ސިއްރު މަޝްވަރާތަކެއް ކުރައްވާ ކަމުގެ އަޑު ގަދަވެފައިވާ މިދަނޑިވަޅުގައި، ދަ ޑިމޮކްރެޓްސް އިން ބޭނުންވާ ބަރުލަމާނީ ނިޒާމަކަށް އެމްޑީޕީ ދީލާލައި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށް ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަކީވެސް އެކަށީގެންވާކަމެކެވެ.