ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި މި އަހަރުގެ 1.8 މިލިއަން ވަނަ ޓޫރިސްޓަށްވެ ނެދަލެންޑްސްގެ ސްޓެފަން މަތިޖްސްގެ ދަތުރު އިތުރަށް ހާއްސަވެއްޖެ އެވެ.
އިއްޔެ ހަވީރު އެމިރޭޓްސް އިން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 1.8 މިލިއަން ވަނަ ޓޫރިސްޓަކަށްވީ ސްޓެފާން އައީ ދެ ދަރިންނާއި އަނބިމީހާ އެކު ކ.ހިންމަފުށީގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލުމަށެވެ. އަދި އެދަތުރަށް ފަހު ސްރީލަންކާއަށް ދިޔުމަށް ފަހު އަނެއްކާ ރާއްޖެ އައިސް ދިގުރަށުގައި ޗޫއްޓީ ހޭދަ ކުރުމަށް ޕްލޭން ކޮށްފައިވާކަމަށް އޭނާ ބުނެފައިވެއެވެ.
ރާއްޖޭގެ މި އަހަރުގެ ހާއްސަ ޓޫރިސްޓަށް ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ.
ސްޓެފާނަށް ލިބުނު ހާއްސަ ޝަރަފާ އެކު، ހިލްޓަން އަމީންގިރި ރިސޯޓުގައި އަންނަ އަހަރު ހަތަރު ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ވެސް ވަނީ ލިބިފަ އެވެ.