ސްކޫލް ބޮޑު ޗުއްޓީ ލިބޭ ދުވަސްކޮޅު އަންނަ އަހަރުން ފެށިގެން ޑިސެމްބަރު މަހަށް ބަދަލުކޮށްފި އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ބަދަލުކޮށް2025 ވަނަ އަހަރުގެ ދިރާސީ އަހަރު ޖަނަވަރީ މަހުން ފަށާ ގޮތަށް ނިންމާފައި ކަމަށެވެ.
ނާޒިމް އިތުރަށް ވިދާވުޅުވީ ދަރިވަރުންނާއި ބެލެވެރިންނަށް އުނދަގޫ ނުވާނެ ގޮތަށް، އެޑިއުކޭޝަން މިނިސްޓްރީ އިން ޗުއްޓީ ލިބޭ ދުވަސްތަކުގެ ތާރީހާއިި އިތުރު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ކެމްޕޭނުގައި ރައީސް ޑރ. މުއިއްޒު ވަނީ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރައްވާނެ ކަމަށް ވައުދުވެފަ އެވެ. ޓޫރަޒިމް ދާއިރާގައި މަސައްކަތްކުރާ ދިވެހީންނަށް ފަސޭހަ ވާނެހެން 2021 ވަނަ އަހަރުން ފެށިގެން އޮގަސްޓް މަހު ފަށަމުން އައި ދިރާސީ އައު އަހަރު އަލުން ޖަނަވަރީ މަހު ފަށަން ބަދަލުކުރަން ވި ވައުދާއި އެކު ރައީސް ޑރ. މުއިއްޒަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.