މާލޭގައި ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާޖެހުން ވަގުތީ ގޮތުން ހުއްޓައިލައިފި އެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓިކާ ޖެހުން ވަގުތީ ގޮތުން މަޑުޖައްސައިލީ ޕާކް ކުރާނެ އެކަށީގެންވާ ޖާގަ ނެތުމުން ކަމަށެވެ.
ފުލުހުން ވަނީ ސިފައިންގެ ހުންނަ ގްރީން ޒޯނާއި ސަލްމާން މިސްކިތް ސަރަހައްދާއި ބޮޑުތަކުރުފާނު މަގުގެ ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ނޫނީ ވެހިކަލްޕާކު ނުކުރަން އިލްތިމާސްކޮށްފަ އެވެ.
ޓްރެފިކް ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި ގެނެސްފަައިވާ ބަދަލުތަކުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕާކު ކުރުން މަނާކުރުމުގެ އިތުރުންފުލުހުން ވަނީ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގެ މަގުތަކުގައި ބަރު އުޅަނދުތައް ޕާކު ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިލްތިމާސްކޮށްފައިވާ އިރު، ސަރުކާރާ ހަވާލުވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުމުއިއްޒު ވަނީ ކުރީ ސަރުކާރުގައި ކޮށްފައި ހުރި ހުރިހާ ޕާކިން ޖޫރިމަނާތަކެއް މާފުކޮށްދެއްވާފަ އެވެ.