ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން މިއަހަރު ފުރަތަމަ ބުރު ނިންމާލައިފި އެވެ.
ނިމިދިޔަ ހަފްތާގައި ތާޖުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެ އެވެ.
މި ޕްރޮގްރާމްގައި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގުތުންވެސް މައުލޫމާތު ދީފައިވެއެވެ. އަދި މީގެ އިތުރުން
އެފަދަ ހާލަތްތަކުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މަގުމަތި ބަލަހައްޓާ ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޓެކްސީގެ ހިދުމަތާ އަލަށް ގުޅޭ 543 މީހުން ބައިވެރިވެފައިވެ އެވެ.
ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ޕްރޮގްރާމުގެ ހަތަރު ބުރެއް ކޮންމެ އަހަރަކުވެސް ފުލުހުން ކުރިއަށް ގެންދެ އެވެ.
މި ތަމްރީނަކީ ޓެކްސީ ޑްރައިވަރުން ޓެކްސީ ކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީނެކެވެ.